މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ، ކޯޒީ ރައުންޑް / ގދ. ގައްދޫ އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމަށް އަމީޒާ އައްޔަން ކުރެއްވީ، މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން އޭނާއަށް ރުހުން ދިނުމާ ގުޅިގެންނެވެ.

ޓެކްސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅުންގެ ނަން ފޮނުއްވިއެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުން:

  • މުހައްމަދު ހަލީމް އަބްދުﷲ، ސާދާގެ / ހއ. ތަކަންދޫ
  • ފާތިމަތު އަމީޒާ، ކޯޒީ ރައުންޑް / ގދ. ގައްދޫ

އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަމީޒާ ވަނީ، މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައެވެ. އަދި ވަނީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުވެސް ފުރުއްވައިފައެވެ.

މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް ފޮނުވުމުން އެ މައްސަލަ ކޮމިޓީން ދިރާސާ ކުރުމަށްފަހު އަޒީމާއަށް ރުހުންދޭން ފެންނަކަަމަށް ކޮމިޓީން ފާސްކުރީ، އިންޓަވިއުގެ މަރުހަލާއަށްފަހު %92.44 މާކްސް ލިބިގެންނެވެ.