އެޕަލް ފަހަތަށް ޖައްސާލުމަށްފަހު، ދުނިޔޭގެ ސްމާޓް ފޯނު މާކެޓުގެ އެއްވަނަ މަގާމު ދެކުނު ކޮރެއާގެ ސެމްސަންގުން އަލުން ހޯދައިފިއެވެ.

އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަން (އައިޑީސީ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސެމްސަންގުން ވަނީ 62.7 މިލިއަން ސްމާޓްފޯން ޝިޕްކޮށް، މާކެޓުގެ 22.6 އިންސައްތަ ހިއްސާ ހޯދާފައެވެ. މިއާއެކު، އެޕަލް ވަނީ 55.8 މިލިއަން ފޯނު ޝިޕްކޮށް، މާކެޓުގެ 20.1 އިންސައްތަ ހިއްސާއާއެކު ދެވަނައަށް ވެއްޓިފައެވެ.

އައިޑީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޅި ދުނިޔޭގެ ސްމާޓްފޯން ޝިޕްމަންޓް ވަނީ މި ކުއާޓަރުގައި 277.5 މިލިއަން ޔުނިޓަށް ވެއްޓިފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 6.7 އިންސައްތައިގެ ދަށްވުމެކެވެ. މުޅި މާކެޓު ދަށަށް ދިޔަ ނަމަވެސް، ސެމްސަންގާއި އެޕަލްއިން ވަނީ އެ ކުންފުނިތަކުގެ މާކެޓު ހިއްސާ އިތުރުކޮށްފައެވެ.

ސެމްސަންގަށް މި ކުރިއެރުން ލިބުނު މައިގަނޑު ސަބަބެއް ކަމަށް އައޑީސީން ބުނީ އެ ކުންފުނީގެ ސަޕްލައި ޗެއިން ހަރުދަނާވުމާއި، އެކި ގައުމުތަކުގައި ކުރިއަށްގެންދިޔަ ޕްރޮމޯޝަންތަކުގެ ސަބަބުން ފޯނުތަކަށް އޮތް ޑިމާންޑް ބޮޑުވުމެވެ. މީގެ އިތުރުން، މެމޮރީ ޗިޕްގެ އަގު ބޮޑުވުމުގެ މައްސަލަތަކާ ގުޅިގެން ކުދި ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވި ނަމަވެސް، ސެމްސަންގް ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ ކުރީބައިގައި ސަޕްލައި ކަށަވަރުކޮށް، އެކަން ކާމިޔާބުކަމާއެކު މެނޭޖުކޮށްފައި ކަމަށް އައިޑީސީން ބުނެއެވެ.

އަނެއްކޮޅުން، އެޕަލްއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާ ފަދަ ބޮޑެތި މާކެޓުތަކުގައި ވާދަވެރިކަން ބޮޑުވުމާއި، ބައެއް ގައުމުތަކުގައި އައިފޯނަށް އޮތް ޑިމާންޑް ދަށްވުމެވެ. އެހެންނަމަވެސް، އެޕަލްއިން ވެސް ވަނީ މަތީ ފަންތީގެ ފޯނުތަކުގެ މާކެޓުގައި އެ ކުންފުނީގެ ބާރުވެރިކަން ހިފަހައްޓާފައެވެ. އައިޑީސީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މެމޮރީ ޗިޕްގެ މައްސަލައިގެ ސަބަބުން މާކެޓު ވަނީ ދެ ބަޔަކަށް ބެހިފައެވެ. އެގޮތުން، މަތީ ފަންތީގެ ފޯނުތައް ވިއްކާ ކުންފުނިތަކަށް ފައިދާވިއިރު، އަގުހެޔޮ ފޯނުތައް ވިއްކާ ކުންފުނިތަކަށް ވަނީ ގެއްލުމާ ކުރިމަތިވެފައެވެ.

މި ލިސްޓުގެ ތިންވަނައިގައި އޮތީ 31.2 މިލިއަން ފޯނު ޝިޕްކުރި ޗައިނާގެ ޒިއޯމީއެވެ. ޒިއޯމީގެ ޝިޕްމަންޓްތައް ވަނީ ފާއިތުވި އަހަރާ އަޅައިބަލާއިރު 26.3 އިންސައްތަ ދަށްވެފައެވެ. މީގެ އިތުރުން، އޮއްޕޮ އަދި ވީވޯ ފަދަ ޗައިނާގެ އެހެން ކުންފުނިތަކުގެ ވިޔަފާރި ވެސް ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް، ހުއާވޭއިން ވަނީ ޗައިނާގެ މާކެޓުގައި 20.9 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައި ކަމަށް އައިޑީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.