ސަރުކާރުން އަލަށް އުފައްދާ ބައެއް އިދާރާތަކާއި ކުންފުނިތަކަށް އާ މުވައްޒަފުން ނަގައިގެން ހަރަދު ބޮޑުކުރުމުގެ ބަދަލުގައި، އެ ތަންތަނުގައި މަސައްކަތް ކުރާނީ މިހާރުވެސް މިނިސްޓްރީތަކުގައި ތިބި މުވައްޒަފުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓު ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ރައީސް ޑރ. މުއިއްޒު "ވަން" އަށް ދެއްވި އިންޓަވިއުގައި މާލޭގެ ދަތުރުފަތުރާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް އަލަށް އުފެއްދި "ގްރޭޓާ މާލެ ޓްރާންސްޕޯޓް މޮބިލިޓީ އޮފީސް" އާ ގުޅޭގޮތުން ވާހަކަފުޅު ވިދާޅުވީ، އެ އޮފީހަކީ އިތުރު މުވައްޒަފުން ނަގައިގެން ހިންގާނެ ތަނެއް ނޫން ކަމަށެވެ.
އެ އޮފީހުގައި މަސައްކަތް ކުރާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުންނާއި، ސަރުކާރުގެ އެހެން އިދާރާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން އެކަމަށް ބޭނުންވާ ފަންނީ މުވައްޒަފުންކަމަށް ރައީސް ވިދާޅުވިއެވެ.
"މިތަނުގަ މަސައްކަތްކުރާނީ، ހަމަ އެ އޮފީހުގެ ތެރޭގަ، އެ މިނިސްޓްރީ ތެރޭގަ. އެކަމަކު ހާއްސަކޮށް މި ރީސްޓްރަކްޗާ ކޮށްލީ މިނިސްޓްރީ ތެރޭގަ. އަދި މިކަމަށް ބޭނުންވާ ސަރުކާރުގެ އެހެން ތަންތާގަ ތިބި މުވައްޒަފުން މިތަނަށް ގެނައުމަށް މި މަސައްކަތްކުރާނީ. އެހެންވީމާ، މި މަސައްކަތްތައް ފޯކްސްޑް ގޮތަކަށް، ނަތީޖާ ނެރެވޭ ގޮތަށް ގެންދަން މަސައްކަތް މި ކުރަނީ. އަޅުގަނޑު އަބަދުވެސް ބޭނުންވަނީ ނަތީޖާ ތަކަށް" ރައީސް ވިދާޅުވިއެވެ.
އެ އޮފީސް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ މާލޭގެ ޓްރެފިކް މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، އިދާރީ ގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލައި، ސީދާ ނަތީޖާއަށް އަމާޒުކޮށްގެން މަސައްކަތް ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އެ އޮފީހަށް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ގާނޫނީ ގޮތުންނާއި، ބަޖެޓުގެ ގޮތުންނާއި، ތަންފީޒީ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ފަހިކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއު ފެށުމުގެ ކުރިންވެސް، މިހާރު ހުރި ދަތުރުފަތުރުގެ މައްސަލަތަކަށް ހައްލެއް ގެންނަން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫއު ނިމުމުން، މަގުތަކުގެ ޑިޒައިނަށް އަންނަ ބަދަލާއެކު ޕާކިންނާއި އެހެނިހެން މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަސައްކަތަކީ ދައުލަތުގެ ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ވިލަރެސްކުރެވިގެން ކުރިއަށްދާނެ މަސައްކަތެއްކަން ފާހަގަކުރައްވަމުން، އެކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އިދާރީ ހުރަސްތައް ނައްތާލައި، ރައްޔިތުންނަށް އެންމެ ފައިދާހުރި، ހަރުދަނާ ނަތީޖާތަކެއް ހޯދައިދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް