ގަތަރުގެ ދާހިލީ ވުޒާރާއިން އެ ގައުމުގެ ގައުމީ ސަލާމަތީ ނުރައްކަލުގެ ދަރަޖަ ރޭ ފަތިހު 5:18 ގައި އެންމެ މައްޗަށް ޖައްސައި، އާންމުން ގެއިން ބޭރަށް ނުނިކުތުމަށް އަންގައިފިއެވެ.

ގަތަރުގެ ދައުލަތުގެ މީޑިއާ، ގަތަރު ނިއުސް އޭޖެންސީ (ކިއުއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގޭގައި މަޑުކުރުމަށާއި، ކުޑަދޮރުތަކާއި ބިއްލޫރި ހުންނަ ތަންތަނާ ދުރުގައި ތިބުމަށް ދާހިލީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ހާމަ ތަންތަނަށް ނުނިކުތުމަށްވެސް ވަނީ އަންގައިފައެވެ.

މިފަދަ ކުއްލި އެންގުމެއް ނެރުނު ނަމަވެސް، މި ނުރައްކަލަކީ ސީދާ ކޮން ކަމަކާ ގުޅިގެން ކުރިމަތިވެފައިވާ ނުރައްކަލެއް ކަމުގެ އެއްވެސް ތަފުސީލެއް ގަތަރު ސަރުކާރުން އަދި ބުނެފައެއް ނުވެއެވެ. ނަމަވެސް، މި އެންގުމާ ގުޅިގެން ގަތަރުގެ އާންމު ސަލާމަތީ ޕްރޮޓޮކޯލްތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކުން ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

ދާހިލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ވަގުތު އެންމެ މުހިންމީ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމެވެ. ރަސްމީ އިދާރާތަކުން ފޯރުކޮށްދޭ މައުލޫމާތު ފިޔަވައި، ކަށަވަރު ނުވާ ވާހަކަތައް ނުފެތުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގައިފައެވެ.

މި ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތު ސަރުކާރުން އާންމުކުރަންދެން، ގަތަރުގެ ސަލާމަތީ ބާރުތަކުން އަންނަނީ ހާލަތު ވަރަށް ގާތުން މޮނިޓަކުރަމުން ކަމަށް ހަބަރުތައް ބުނެއެވެ.