ދުނިޔޭގެ އެންމެން އެތަނެއްގެ ވާހަކަ މިހާރު ދައްކައިއުޅޭ ހޮރުމުޒް ކަނޑުއޮޅީގެ ނަމުގެ އަސްލަކީ ކޮބައިހެއްޔެވެ. ނަމުގެ އަސްލަކީ ފާރިސީ ބަހުން ހޮރް-މޮޒް އެވެ. މިއީ ކަނޑުއޮޅީގެ އަނގަމަތީގައި އޮންނަ ޖަޒީރާއެއްގެ ނަމެވެ. މިއީ ވަރަށް ކުޑަކުޑަ ޖަޒީރާއެކެވެ. ދިގުމިނުގައިވެސް އަދި ފުޅާމިނުގައިވެސް ގާތްގަޑަކަަށް ހަތް ކިލޯމީޓަރެވެ. ޖުމްލަ އޭރިޔާގެ ބޮޑުމިނަކީ ސޯޅަ އަކަމޭލެވެ. ރާއްޖޭގެ ތަނަކަށް ނިސްބަތްކުރާނަމަ އެއީ ގާތްގަޑަކަށް ވަށްޓަރުފަޅުގެ ސައިޒެވެ. އެ ޖަޒީރާގައި ދިރިއުޅޭ މީހުންގެ އަދަދަކީ ހަ ހާހެވެ. މިއެންމެން ދިރިއުޅެނީ އެ ޖަޒީރާގެ އެންމެ އިރުމަތީގައިވާ އަވަށެއްގައެވެ. އެ އަވަށުގެ ނަމަކީވެސް ހޮރްމޮޒެވެ. މިދެންނެވި ޖަޒީރާ އޮންނަނީ އީރާނުގެ އައްސޭރިޔާ ހައެއްކަ ކިލޯމީޓަރު ދުރުގައެވެ. ހޮރްމޮޒް ޖަޒީރާއާ ވަރަށް ގާތުގައި އަދި އެހެން ދެ ޖަޒީރާއެއްވެސް އޮވެއެވެ. އެއީ ލަރާކް ޖަޒީރާ އާއި ގެޝަމް ޖަޒީރާއެވެ. މިތަނުން ލަރާކުގައި ދިރިއުޅެނީ ހާހެއްހައި މީހުންނެވެ. އެއީ ސައިޒުގެ ގޮތުން ހޮރްމޮޒް ވަރުގެ ޖަޒީރާއެކެވެ.
ގެޝަމް ޖަޒީރާގައި ދޮޅު ލައްކަޔަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އެއީ ހޮރްމޮޒަށްވުރެ ތިރީސްފަސް ގުނަ ބޮޑު ޖަޒީރާއެކެވެ. ގަލްފުގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ ބަހުރައިނަށްވުރެވެސް ދެގުނަ ބޮޑެވެ. ގެޝަމްއަކީ ގަލްފައި އޮންނަ އެންމެ ބިޔަ ޖަޒީރާއެވެ. މި ތިން ޖަޒީރާގެ ރަށްވެހިންގެވެސް މައިގަޑު މަސައްކަތަކީ މަސްވެރިކަމެވެ. ކަނޑުރޯއްޖެވެ. އެކަމަކު ފަހަކަށްއައިސް އަދި އެހެން ކަންކަމަށް މި ތިން ޖަޒީރާވެސް ދަނީ ޚާއްސަ ވަމުންނެވެ. މި ތިން ޖަޒީރާގެ ބިމުގެ އަޑީގައިވެސް ގާއިމުކުރެވިފައިވަނީ މިސައިލް ސިޓީތަކެވެ. ޑްރޯން ސިޓީތަކެވެ. އެއީ އަސްކަރީ ޚާއްސަ މަރުކަޒުތަކެކެވެ. ކަނޑުއޮޅީގެ އަނގަމަތީގައި ހޮރްމޮޒަށްވުރެ މާބިޔަ މާމުހިންމު އަދި މާގިނަ ބަޔަކު ދިރިއުޅޭ ގެޝަމް ޖަޒީރާއޮއްވައި އެޔަށްވުރެ މާކުޑަކުޑަ ޖަޒީރާއަކަށް ނިސްބަތްކޮށްފައި ކަނޑުއޮޅިއަށް ނަންކިޔުމުގެ ސިއްރަކީ ކޮބައިހެއްޔެވެ. ހޮރްމޮޒްގެ މާނައަކީ އަލިކަން ލިބިފައިވާ ރަށެވެ. މިނަން ގުޅުވަނީ ފާރިސީން އަލިފާނަށް އަޅުކަންކުރި ޒަމާނުގައި އެމީހުންގެ ކަލާނގެތަކުގެ ތެރެއިން ކަލާނގެއަކާއެވެ. އަހޫރާ މަޒްޑާއެވެ.
ހޮރްމޮޒް ޖަޒީރާއަށް ކުރިން ކިޔައިއުޅުނީ އެހެން ނަމެކެވެ. ޖަރުންއެވެ. ނަން ބަދަލުވީ މީގެ ގާތްގަޑަކަށް ހަތްސަތޭކަ އަހަރު ކުރިންނެވެ. ރާއްޖޭގެ ތަޚުތަށް ތީމުގޭ ވަންހައިގެ ދާއޫދު ކަލަމިންޖާ އިސްވި އަހަރުއެވެ. މަޣުރިބުކަރައިގެ މަޝްހޫރު ސައްޔާހު އިބުނި ބަތޫތާ ރާއްޖެއަށް ވަޑައިގެންނެވުމުގެ ގާތްގަޑަކަށް ސާޅީހަކަށް އަހަރު ކުރިންނެވެ. ޖަރުން ޖަޒީރާގެ ނަން ހޮރްމޮޒްއަކަށް ބަދަލުވެ އެ ޖަޒީރާގައި ރަސްކަމެއް ފެށުނުތާ ކުރީކޮޅު އިބުނި ބަތޫތާވެސް އެ ޖަޒީރާއަށް ވަޑައިގެންނެވިކަމަށް އޭނާ ލިޔުއްވައިފައިވެއެވެ. ނަން ބަދަލުވުމުގެ ސަބަބު ގުޅިފައިވަނީ ތާރީޚީ ވަރަށް ބޮޑު ހާދިސާއަކާއެވެ. ކުރިން ހޮރްމޮޒް ކިޔައިއުޅުނީ އީރާނުގެ ހުޅަނގު ދެކުނުބިތުގެ އައްސޭރިން މެއިންލެންޑުގައި އޮންނަ ސަހަރަކަށެވެ. އޮރިޖިނަލް ހޮރްމޮޒްއަކީ އެއީއެވެ. އެއީ ކުޑަވަރެއްގެ ރަސްކަމެއްވެސް ގާއިމުވެފައިއޮތް ސަހަރެކެވެ. އެ ސަހަރުގައި ހުންނަވާ ރަސްކަލަކީ އެއިރެއްގައި އީރާނުގެ އުތުރުގައި ގާއިމުވެފައި އޮންނަ ބޮޑު ރަސްކަމެއްގެ ދަރުބާރަށް ޖިޒީ ދައްކަންޖެހޭ ރަސްކަލެކެވެ.
މިރަސްގެފާނު ކުރެއްވި ކަމަކީ އެއްގަމު މަގުން މޮންގޯލް ޑާކޫންގެ އުނދަގޫތައް ހޮރްމޮޒަށް ކުރިމަތިވާތީ އޭނާގެ އާއިލާޔާއި ލަޝްކަރާއެކު އެސަހަރު ދޫކޮށް ކައިރީގައި އޮންނަ ޖަރުން ޖަޒީރާއަށް ބަދަލުވެވަޑައިގަތީއެވެ. ރަސްކަމުގެ ކިއްލާޔާއި ދަރުބާރުވެސް ޖަރުންގައި ގާއިމު ކުރެެއްވީއެވެ. މިދެންނެވި ރަސްގެފާނުގެ ނަންފުޅަކީ އާމިރު ބަހާއުއްދީނު އަޔާޒެވެ. ހޮރްމޮޒްގެ ރަސްކަން ގާއިމުވެފައިވާ ރަށަށްވެސް ކިޔަންޖެހޭނީ ހޮރްމޮޒް ކަމަށްވާތީ ޖަރުންގެ ނަން ހޮރްމޮޒަށް ބަދަލުކުރީއެވެ. ކުރީގެ ބޯދާ ހޮރްމުޒް ބޭނުންކުރީ ހޫނު މޫސުމުގައި ރަސްކަމުގެ ބޮޑުން ދިރިއުޅޭ ރަށަކަށެވެ. އެރަށުގައި ހުންނަ ގަދީމީ ކިއްލާއަކަށް މިނާރު ކިޔާތީ އެނަން ފުރޮޅެމުންއައިސް އެންމެފަހުން މިނާބަކަށް ބަދަލުވެފައިވެއެވެ. އެއީ މިހާރު މިނާބް ސިޓީއެވެ. އެމެރިކާ ސިފައިން މިއަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުގެ އަންހެންކުދިންގެ އިބްތިދާއީ މަދަރުސާއަކަށް ހަމަލަދީ 175 ދަރިވަރުން ޝަހީދުކޮށްލީ މިނާބުގައެވެ.
ކޮންމެއަކަސް އޮރިޖިނަލް ހޮރްމޮޒަކީ މިހާރުގެ މިނާބެވެ. މިހާރުގެ ހޮރްމޮޒްއަކީ އޮރިޖިނަލް ޖަރުންއެވެ. ކުރިން ބަޔާންކުރެވުނު ރަސްކަން ބައު ހޮރްމޮޒުން އައު ހޮރްމޮޒަށް ބަދަލުވެ މީލާދީން 1622 ވަނަ އަހަރާ ހަމަޔަށް އެރަސްކަން އައު ހޮރްމުޒްގައި ދެމިއޮތެވެ. މިރަސްކަމުގެ މުގުލުގައި ފަހުންތިބީ ޕޯޗުގީޒުންނެވެ. އެރަސްކަން ނިމުމަކަށް އައީ އީރާނުގެ އުތުރުގައި ރަސްކަންކުރި ސަފަވީން އެހިސާބު ހިފައި އެރަސްކަމުގެ ބާރު ހިންގައި ޕޯޗުގީޒުން ފައްސައިލުމުންނެވެ. އެދުވަސްވަރު ރާއްޖޭގެ ތަޚުތުގައި އިންނެވީ މަޝްހޫރު ކަޅުތުއްކަލާއެވެ. އިމާދުއްދީނު އެއްވަނަ ބޮޑު ރަސްގެފާނެވެ. ހޮރްމޮޒްގެ ރަސްކަން ނިމުނީމާ އެރަށުގެ މުހިންމުކަންވެސް ކެނޑި އެރަށުގެ ގިނަ ވަޒަންވެރިން މިނާބަށާއި ބަންދަރު އައްބާހަށާއި ގެޝަމް ޖަޒީރާއަށް ބަދަލުވެއްޖެއެވެ. ބާކީތިބީ މަދު ބައެކެވެ. ހަމައެކަނި މަސްވެރިންނެވެ. މިހިސާބުން އުފެދޭ ސުވާލަކީ ހޮރްމޮޒްގެ ރަސްކަން ނިމުނީމާ އެޖަޒީރާގެ މުހިންމުކަން ކެނޑުނީ ކީއްވެގެން ހެއްޔެވެ.
ހޮރްމޮޒްގެ ރަސްކަން ދެމިއޮތީ އެރަސްކަމަށް ލިބެމުންދިޔަ ބޮޑު އާމްދަނީއެއްގެ މަތީގައެވެ. އެ އާމްދަނީއަކީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނަގައިގެން ގަލްފުގެ ވިޔަފާރިތައް ކޮންޓްރޯލްކޮށްގެން ލިބެމުންދިޔަ އާމްދަނީއެވެ. އެ އާމްދަނީއަކީ ހޮރްމޮޒް ކަނޑުއޮޅި ބޭނުންކުރާ ފަރާތްތަކުން ނެގޭ މާމޫލެވެ. އެ މާމޫލުގެ ބޮޑުބައެއް އަތުލަމުންދިޔައީ ފަހުން ޕޯޗުގީޒުންނެވެ. ކޮންމެއަކަސް އީރާނުގެ އިސްފަހާނުގައި ގާއިމުވެފައިއޮތް ސަފަވީ ރަސްކަމުގެ ޝާހު އައްބާސް އަލްކަބީރު އެކަން ހުއްޓުވުމުން ހޮރްމުޒް ކަނޑުއޮޅި މިނިވަންވެ މާމޫލު ނެގުން ހުއްޓުނީއެވެ. ޖިޒީދިނުމާއި ނެގުންވެސް ހުއްޓުނީއެވެ. ހޮރްމޮޒްގެ ރަސްކަންވެސް އުވުނީއެވެ. މި ލިޔުން ނިންމައިލުމުގެ ކުރިން އަދި އެހެން އިއްތިފާގެއްގެ ވާހަކަ ބަޔާން ކުރާނަމެވެ. ހޮރްމޮޒްގެ ރަސްކަމުގެ ފަރާތުން ހޮރްމުޒް ކަނޑުއޮޅިން ޓެކްސް ނަގައިގެން ޕޯޗުގީޒުންނަށް ޖިޒީ ދިނުން ސަފަވީ ޝާހު އައްބާސް އަލްކަބީރު ހުއްޓުވިތާ ހަތާވީސް އަހަރު ފަހުން ގޯވާގައި ތިބޭ ޕޯޗުގީޒު ވައިސްރޯއިންނަށް ދިވެހި ރަސްކަމުގެ ފަރާތުން ފޮނުވަމުންދިޔަ ޖިޒީ ކަނޑާލައި ދިވެހި ރަސްކަން އަލުން މުސްތަގިއްލު ކުރެއްވީވެސް އަލްކަބީރެކެވެ. ސުލްތާން މުހައްމަދު އިމާދުއްދީން އަލްކަބީރެވެ. ދިވެހިން ބޮޑުރަސްގެފާނޭ އެކިޔަނީ އަލްކަބީރުގެ މާނައިގައެވެ.
އިމާދު ލަތީފު
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް