ރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް ހިންގާ ކުށްތައް ރިޕޯޓުކުރާ މިންވަރު މިއަހަރުގެ ތެރޭގައި ވަނީ 105 ޕަސެންޓަށް ވުރެ ބޮޑަށް އިތުރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސައިބާ ކުށްތަކުގެ 512 މައްސަލަ ރިޕޯޓުކުރިއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އަރައިފައެވެ. މީގެ ތެރެއިން 884 މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، ތަހުގީގު ނިންމުމަށްފަހު 457 މައްސަލައެއް ފައިލްކޮށްފައިވާކަމަށް ތަފާސްހިސާބުގައިވެއެވެ.

ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވުންކަމަށް ތަފާސްހިސާބުގައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ އޮންލައިން ޝޮޕިންގް ސްކޭމްގެ މައްސަލަތައްކަން ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އޮންލައިން ވިޔަފާރީގެ 86 މައްސަލަ ހުށަހެޅިއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 464 އަށް އުފުލިފައިކަން ތަފާސްހިސާބުން އެނގެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 މައްސަލައިން 109 މައްސަލައަށް އިތުރުވެފައިވާއިރު، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ވެސް ވަނީ 83 ޕަސެންޓް އިތުރުވެފައެވެ.

ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދައިދިނުމަށް ފުލުހުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 182 މައްސަލައެއްގައި އާންމުންނަށް ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ތަފާސްހިސާބުގައި ބުންޏެވެ. އޭގެ ތެރޭގައި ހެކްކޮށްފައިވާ ވައިބާ، ވަޓްސްއަޕް އަދި ފޭސްބުކް ފަދަ 120 އެކައުންޓެއް އަނބުރާ ހޯދައިދިނުން ހިމެނެއެވެ.

އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ދަށުން އޮފީސްތަކާއި ބެލެނިވެރިން އަދި ދަރިވަރުން ހިމެނޭ ގޮތަށް 3,000 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މައުލޫމާތު ދީފައިވާކަން ތަފާސްހިސާބުން އެނގެއެވެ.

ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކުގައި ކުށްވެރިން ދަނީ އާ އުކުޅުތައް ބޭނުންކުރަމުންކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން، މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭކަމަށް ޝައްކުކުރެވޭ ނަމަ، ނުވަތަ އެފަދަ ކަމެއްގެ ޝިކާރައަކަށް ވެއްޖެ ނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަކީ ކުށްވެރިން ހޯދުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަމަށް ފުލުހުން ބުންޏެވެ.