އީރާނުން އިސްރާއީލަށް އިތުރު ހަމަލާއެއް ދީފިނަމަ، މީގެ ކުރިން ދީފައިނުވާ ފަދަ ވަރުގަދަ އަސްކަރީ ރައްދެއް ދޭނެކަމުގެ އިންޒާރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ދެއްވައިފިއެވެ.

އިސްރާއީލުގެ ދެކުނުގެ ރަށެއް ކަމަށްވާ ޑިމޯނާގައި މިއަދު ކުރިއަށްދިޔަ ނެގެވް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލަށް ހަމަލާދީފިނަމަ އެއްވެސް ރައްދެއް ނުދީ މަޑުން ތިބޭނެކަމަށް އީރާނުގެ ވެރިން އުއްމީދުކޮށްގެން ނުވާނެ ކަމަށެވެ. އަދި މީގެ ކުރިން ކަން ހިނގި ގޮތަށް ތަކުރާރުވާނެ ކަމަށް އުއްމީދު ނުކުރުމަށާއި، ދެން ދޭ ރައްދު މާ ވަރުގަދަވާނެ ކަމަށް ވިދާޅުވި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނަކާ ހަވާލާދީ “ދަ ޓައިމްސް އޮފް އިސްރާއީލް” އިން ރިޕޯޓުކޮށްފައިވެއެވެ.

މި އިންޒާރާއެކު އިސްރާއީލުގެ ދިފާއީ ސިޔާސަތަށް ބަދަލުތަކެއް ގެނެސް، ކެތްތެރިވުމުގެ ބަދަލުގައި ވަގުތުން ރައްދުދިނުމުގެ ވިސްނުމަކަށް ބަދަލުވެފައިވާކަން ހާމަވާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެފައިވާއިރު، މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހު އިސްރާއީލުން ވަނީ އީރާނުގެ ހުޅަނގު ދެކުނުގައި ހުރި ޕެޓްރޯކެމިކަލް މަރުކަޒުތަކަކަށް ހަމަލާދީފައެވެ. އެ ހަމަލާއަކީ އޭގެ ކުރިން އީރާނުން އިސްރާއީލަށް ފޮނުވާލި މިސައިލް ހަމަލާތަކެއްގެ ރައްދުގައި ދިން ހަމަލާއެއް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ނަތަންޔާހޫގެ މި އިންޒާރަކީ، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ސުލްހައިގެ އެއްބަސްވުމެއް އުވާލިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން އިއުލާނުކުރައްވާފައިވާ ދަނޑިވަޅެއްގައި ދެއްވި އިންޒާރެކެވެ.

މީގެ ސަބަބުން މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި، އިތުރު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު އޮތީ އީރާނާ ދެކޮޅަށް އަލުން ހަމަލާތައް ފަށަން ޖެހިދާނެ ހާލަތަކަށް ތައްޔާރުވެގެން ކަމަށް އިސްރާއީލުގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.