ގަތަރުގެ ކުރީގެ އަމީރު ޝައިޚު ހަމަދު ބިން ޚަލީފާ އާލް ޘާނީ ވަނީ އުމުރުފުޅުން 74 އަހަރުގައި މި ހަފުތާގެ އާދީއްތަ ދުވަހު އަވަހާރަވެފައެވެ. އޭނާއަކީ މިހާރު ހުންނެވި އަމީރު ޝައިޚު ތަމީމް ބިން ހަމަދު އާލް ޘާނީގެ ބައްޕާފުޅެވެ. ގަތަރުގެ ރަސްކަން އޭނާ ކުރެެއްވީ 1995 ވަނަ އަހަރުން ފެށިގެން 2013 އަށް ޖުމްލަ އަށާރަ އަހަރުއެވެ. މިދެންނެވި އަށާރަ އަހަރަކީ ހުރިހައި ގޮތަކުން ގަތަރު ބަދަލުވެގެންދިޔަ އަށާރަ އަހަރެވެ. ގައުމުގެ ސައިޒު ކިތަންމެ ކުޑަޔަސް އަދި އާބާދީ ކިތަންމެ މަދަސް ދުނިޔޭގައި ނުފޫޒުހުރި ގަދަރާއި ހައިބަތު އުފުލިގެންވާ ދައުލަތަކަށް ގަތަރު ހެއްދެވި ބޭފުޅަކީ ޝައިޚު ހަމަދެވެ. އެހެންވީމާ އެކަންކަމުގެ މައްޗަށް ކުރުގޮތަކަށް ބަލާލައި ރަސްކަމުގެ ޚާންދާނުގެ ފަތިފުށަށް ހިސާބަކަށް އަލިއަޅުވައިލުމަަށް މިއީ މުނާސަބު ވަގުތެެއްކަމުގައި ފެނެއެވެ. ޝައިޚު ހަމަދަކީ އާދައިގެ ޝަޚުސިއްޔަތަކަށް ނުވާތީއެވެ. އަދި މިއަދުގެ ގަތަރަކީވެސް އާދައިގެ ގައުމަކަށް ނުވާތީއެވެ. ގަލްފަކީވެސް އާދައިގެ ސަރަހައްދަކަށް ނުވާތީއެވެ.

ޝައިޚު ހަމަދުގެ ރަސްކަމުގައި އޭނާ ވަނީ ގަތަރުގެ އާމްދަނީ ކުރީގެ މިންވަރަށްވުރެ ސައުވީސް ގުނަ އިތުރު ކުރައްވައިފައެވެ. ދުނިޔޭގެ އެންމެ ބޮޑު އެލްއެންޖީ އެކްސްޕޯޓަރަކީ ގަތަރު ކަމަށް ހައްދަވައިފައެވެ. މިޒަމާނުގެ ފޯރުންތެރި ދައުލަތެެއްގައި ހުންނާންޖެހޭ އެންމެހައި ސިފަތައް ގަތަރަށް ގެނައުމުގެ މޭސްތިރިއަކީވެސް އޭނާއެވެ. އައްޖަޒީރާ ޓީވީގެ ބާނީއަކީވެސް އެއީއެވެ. ގަތަރު އެއަރވޭޒް ރިބްރޭންޑް ކުރައްވައި ގަތަރަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ހަބަކަށް ހެއްދެވީވެސް އޭނާއެވެ. ބައިނަލްއަގުވާމީ ޑިޕްލޮމަސީގައި ގަތަރުގެ ނަމަކީ އެންމެން ބަލައިގަންނަ އިތުބާރުކުރެވޭ ނަމަކަށް ހެއްދެވީވެސް އޭނާއެވެ. ލިޔެވިފައިވާ ގާނޫނުއަސާސީއެއް ގަތަރުގައި ތައާރަފު ކުރައްވައި ސަރުކާރަކީ ޒިންމާވުން ލާޒިމު ބާރަކަށް ހެއްދެވީވެސް ޝައިޚު ހަމަދެވެ. އަދި ކިޔެއްތަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ގަތަރުގައި ބޭއްވުމުގެ މަގުކޮށައި އަލިކުރުމުގެ ކަންކަން ފެއްޓެވީވެސް އޭނާއެވެ. އެހެންވީމާ އޭނާގެ ވަކިވެދިއުމަކީ ގަތަރަށްވެސް އަދި ދުނިޔެއަށްވެސް ހިތާމައެކެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ އަރަބި ހުރިހައި ގައުމަކުންވެސް ފެންނަނީ ރަސްކަމެވެ. ރަސްކަން ބަދަލުވަނީ ރަސްގެފާނު އަވަހާރަވުމުންނެވެ. މިނޫންގޮތަކަށް މިފަހުގެ ތާރީޚުގައި ރަސްކަން ބަދަލުވި ގަލްފުގެ ހަމައެކަނި ގައުމަކީ ގަތަރެވެ. ގަތަރުގެ ރަސްކަމުގައި ހުންނަވާ ބޭފުޅަކަށް ކިޔަނީ އަމީރެވެ. ގަތަރުގެ އަމީރު ޝައިޚު ހަމަދު ބިން ޚަލީފާ ވަނީ 2013 ވަނަ އަހަރު އަމިއްލަފުޅަށް ތަޚުތު ދޫކޮށްލައްވައިފައެވެ. މުސްކުޅިވެގެން، ސިއްހަތު ތަންނުދީގެން، މަޖުބޫރުވެގެން، މިކަހަލަ އެއްވެސް ސަބަބެއް އޮވެގެނަކުން ނޫނެވެ. ތަޚުތު ދޫކޮށްލެއްވިއިރު އަމީރު ހަމަދުގެ އުމުރުފުޅަކީ 61 އަހަރެވެ. ގާތްގަޑަކަށް 18 އަހަރު ރަސްކަން ކުރެެއްވުމަށްފަހު އަމިއްލަފުޅަށް ބާރުތައް ދޫކޮށްލައްވަމުން ޝައިޚު ހަމަދު ވިދާޅުވީ ކީކޭބާވައެވެ. ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބު ކުރައްވަމުން ވިދާޅުވިއެވެ. ޒުވާން އައު ޖީލެއްގެ އަތްމައްޗަށް ބާރުތައް ފުރޮޅައިލުމުގެ ވަގުތު އައީއެވެ. ތާރީޚީ ބަދަލެއްގެ ވަގުތު ޖެހުނީއެވެ.

ތަޚުތު ދޫކޮށްލައްވައި ރަސްކަމުގެ އެންމެހައި ބާރުތައް އޭރު އުމުރުފުޅުން އެންމެ 33 އަހަރުވީ ޝައިޚު ތަމީމާ ހަވާލު ކުރެއްވުމަށް އަމީރު ހަމަދު ނިންމަވައި އެކަން އިއުލާނު ކުރެއްވުމުން މުޅިދުނިޔެއަށްވެސް ލިބުނީ ވަރަށްބޮޑު ހައިރާންކަމެކެވެ. މިއީ ގަލްފު ސަރަހައްދަށް މުޅިން އައުކަމަކަށް ވުމުންނެވެ. އަދި ވަކިންބޮޑަށް ޝައިޚު ހަމަދުގެ ފަތިފުށަށްވެސް ބަލައިފައެވެ. ޚުދު އޭނާ ރަސްކަމަށް ވަޑައިގަތީ އުމުރުފުޅުން 44 އަހަރުގައި އިޖުރާއަތްތަކާ ޚިލާފަށެވެ. ބައްޕާފުޅު އަމީރު ޚަލީފާ ބިން ހަމަދު ގަދަކަމުން ތަޚުތުން ބޭލުއްވުމަށްފަހުގައެވެ. ރަސްކަމުގެ އެތެރެކޮއިލަށް ގެންނެވި އިންގިލާބެއްގައެވެ. ރަސްކަމުން ވަކިކުރެވުނު އަމީރު ޚަލީފާވެސް މާ މުސްކުޅީއަކީ ނޫނެވެ. އެންމެ 62 އަހަރެވެ. މި އިންގިލާބު ގެނެވުނީ 1995 ގައެވެ. އަމީރު ޚަލީފާ ގައުމުން ބޭރުގައި ސުވިޒަރލެންޑުގައި ހުންނަވަނިކޮށެވެ. މިކަމަކީ އޭނާ ވަރަށް ކޯފާ އިސްކުރެއްވި ކަމެކެވެ. ދެކޮޅު ހެއްދެވި ކަމެކެވެ.

ޖާހިލު މޮޔަ ދަރިޔަކު ހިންގި މޮޔަ އަމަލެއްކަމަށް ސިފަކުރައްވައި ރަސްކަން އަލުން ހޯއްދެވުމަށްޓަކައި އިންގިލާބެއް ގެންނަންވެސް އޭނާ އުޅުއްވިއެވެ. އެކަމަށް ސައޫދީ އަރަބިޔާ އާއި އެމިރޭޓްސް އާއި ބަހުރައިނުގެ ތާއީދުވެސް ލިބުނެވެ. އެކަމަކު ކާމިޔާބެއް ނުވިއެވެ. ދެން އޭނާ ދިރިއުޅުއްވަމުން ގެންދެވީ ގައުމުން ބޭރުގައެވެ. އެމިރޭޓްސް އާއި ފްރާންސްގައެވެ. ގާތްގަޑަކަށް ދިހަ އަހަރު އެގޮތަށް އުޅުއްވުމަށްފަހު އެނބުރި ގަތަރަށް ވަޑައިގެންނެވީ 2004 ގައެވެ. އަވަހާރަވީ އޭގެ ބާރަ އަހަރު ފަހުން ދޯހާގައި 2016 ވަނަ އަހަރުގައެވެ. ކާފަދަރިކަލުން އަމީރު ތަމީމުގެ ރަސްކަންވެސް ފެށުނު ފަހުންނެވެ. މިކަންކަން މިހެން ހިގާފައިހުރީމާ ދެން ވަރަށް ގިނަ ބަޔަކު ހައިރާންވާނެތާއެވެ. ބައްޕާފުޅުގެ ރަސްކަން ގަދަކަމުން އަތުލެއްވި ބޭފުޅަކު އެކަހަލަ އެއްވެސް ކަމެއްނެތި އަމިއްލަފުޅަށް ރަސްކަމުގެ ބާރުތައް ދަރިކަލުންނާ ހަވާލު ކުރައްވައިފާނެ ކަމަށް ހީވެސް ނުކުރާނޭތާއެވެ. އެކަމާ އަޖާއިބުވެސް ވާނޭތާއެވެ.

ގަތަރުގެ ޝާހީ ޚާންދާނުގެ ނަމަކީ އާލް ޘާނީއެވެ. މިއީ އޮމާންކޮށް ނަލަކޮށް ރަސްކަން ބަދަލުވުމުގެ ކަންކަމަށް ވަރަށް ބީރައްޓެހި ޚާންދާނެކެވެ. ގަތަރަށް 1971 ވަނަ އަހަރު މިނިވަންކަން ލިބުނުއިރު އަމީރަކީ ޝައިޚު އަހުމަދު ބިން އަލީ އާލް ޘާނީއެވެ. މިނިވަންކަން ލިބުނުތާ ހަ މަސްފަހުން ރަސްކަމުގެ އެތެރެކޮއިލަށް ގެނެވުނު އިންގިލާބެއްގައި ރަސްކަން އަތުލެެއްވީ ޝައިޚު ޚަލީފާ ބިން ހަމަދު އާލް ޘާނީއެވެ. އައު އަމީރަކީ ކުރިން ހުންނެވި އަމީރުގެ ދެބެއިންގެދެދަރި ކޮއްކޮއެކެވެ. ކޮންމެއަކަސް އައު އަމީރުގެ ރަސްކަން ނިމުނީ ތޭވީސް އަހަރު ފަހުން އެ ރަސްކަން ފެށުނުވެސް ބީދައިންނެވެ. ެއިންގިލާބެއްގައެވެ. ހަމައެކަނި ތަފާތަކީ ދެބެއިންގެދެދަރި ކޮއްކޮއެއްގެ ބަދަލުގައި އަމިއްލަ ދަރިކަލުންގެ އިންގިލާބަކަށް ވުމެވެ. މިހުރިހައި ބަދަލެއްގެ އަސްލަކީ ގަތަރުގެ ގުދުރަތީ މުއްސަނދިކަމެވެ. ތެލާއި ގޭހުގެ ބިޔަ ރިޒާރވްއެވެ. އެ މުއްސަނދިކަން ބޭނުންކުރާނެ ގޮތާމެދު އުފެދުނު ޚިލާފުތަކެވެ.