ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރާއިރު، މިހާރުގެ ރާއްޖޭގެ އާބާދީ 530000 (ފަސްލައްކަތިރީސްހާސް) އަށްވުރެ އިތުރެވެ. އެހެނަސް މިއަދަދު މިހާރަށް ބަލާއިރު ގިނައެއް ނޫނެވެ. ރާއްޖޭގެ އާބާދީ އިތުރުކުރުން ނުހަނު މުހިންމެވެ. ދިވެހި މަސައްކަތްތެރިން އިތުރުކޮށް މަސައްކަތުގެ ސުލޫކު އާލާކުރުންވެސް ވަރަށް މުހިންމެވެ.
މީގެ 26 އަހަރުކުރިން 21ވަނަ ގަރުނު (މިގަރުނު) ފެށުނުއިރު، 2020އަށް (މިހާރަށް ކުރި ތަޞައްވުރުގެ ތެރެއިން ގައުމީ ތަރައްގީއާއި އާބާދީއާއި ތަފާސްހިސާބުގެ ކަންކަމަށް ބަލާއިރު، ލާމަރުކަޒީ އުސޫލުން ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށްޓަކައި އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތު ހިންގުން، ގައުމުގެ ތަރައްގީއަށް އެކަށޭނަ އާބާދީ ސިޔާސަތެއް ކަނޑައަޅައި ހިންގުން، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ކުރިމަގު ރޭވުމަށް ބޭނުންވާ ތަފާސްހިސާބު، ޒަމާނީ ޓެކުނޮލޮޖީގެ އެހީގައި އެއްކުރެވި، ކަމާބެހޭ ވިއުގައެއް ގާއިމުކުރެވި، މަރުކަޒީ ފެންވަރުގައި ދިރާސާ ކުރެވި، ތަފާސްހިސާބުގެ ޚިދުމަތް ބޭނުންވާ ހުރިހާ ފަރާތްތަކަށް، ހަލުވިކަމާއެކު ޚިދުމަތް ލިބޭނެ ނިޒާމެއް ގާއިމުވެފައި އޮތުންހިމެނެއެވެ. މިކަންކަން ހާސިލުވެފައި ނުވާކަން ފާހަގަކުރެވެއެވެ.
ތަފާސްހިސާބަކީ ކުރާ ނުވަތަ ކުރެވޭ ކަންކަމުގެ ދިރުން ދައްކައިދޭ ކަމެކެވެ. ކުރިޔަށް ދެވޭކަން ނުވަތަ ނުދެވޭކަން އެނގި ހާމަވާނީވެސް ތަފާސްހިސާބުގެ އަލީގައެވެ. މިހެންވުމުން ތަފާސްހިސާބަށް އިލްމީގޮތުން ވަނީ މުހިންމު އަހަންމިއްޔަތެއް ދެވިފައެވެ. ރާއްޖޭގެ ތަފާސްހިސާބުގެ ކަންކަމުގެ މާޒީއަށް ބަލާއިރު، އެންމެކުރީ ޒަމާނުއްސުރެ ނުވަތަ މީގެ 1000 އަހަރު ކުރީއްސުރެ، ވާރު ނެގުމުގެ ބޭނުމަށް ރާއްޖޭގެ ރަށްރަށުގެ މީހުންގެ އަދަދާއި ގޯތިގެދޮރުގެ ހިސާބުކިތާބު، މިފަދަ ތަފާސްހިސާބު މަރުކަޒީ ނިޒާމުން އަދި ލާމަރުކަޒީ ނިޒާމުން ރާއްޖޭގައި ބަލަހައްޓާފައިވާކަން ސާބިތުވެއެވެ. މިހާރު ސިޓީއެއްގެ ދަރަޖަދެވިފައިވާ، ކުޅުދުއްފުށީގެ މިސާލެކެވެ. 1811ގައި ކުޅުދުއްފުށީގައި ތިބީ ވާރުދޭ އުމުރުގެ (15 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުގެ) 112 މީހުންނެވެ. 1911ގައި ރާއްޖޭގައި ފުރަތަމަ ބޯހިމެނިއިރު ކުޅުދުއްފުށީގެ އާބާދީއަކީ 1697 މީހުންނެވެ.
މީގެ 115 އަހަރުކުރިން 1911-1912ގައި ބައިނަލްއަގުވާމީ އުސޫލުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު ބޯހިމެނުމުގައި، ރާއްޖޭގެ އާބާދީއަކީ 72237 (ހަތްދިހަދެހާސް ދުއިސައްތަ ތިރީސްހަތެއް)، މީގެ 61 އަހަރުކުރިން، 26 ޖުލައި 1965ގައި ދިވެހިރާއްޖެ ޚާރިޖީގޮތުން ފުރިހަމައަށް މިނިވަންވީއިރު، ރާއްޖޭގެ އާބާދީ ލައްކައެއް ހަމަނުވެއެވެ. 1911ގައި އެންމެގިނަ މީހުން ދިރިއުޅޭ ވެރިރަށް ފުރަމާލޭގެ އާބާދީ އަކީ 5236 މީހުންނެވެ. 1911ގައި އެންމެ މަދު މީހުން ދިރިއުޅުނު ރަށް އަރިއަތޮޅު މަޑޫގަލީގެ އާބާދީގައި އެންމެ 23 މީހުންނެވެ. 1911ގެ ރާއްޖޭގެ އާބާދީ 72,237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ ފިރިހެނުންގެ 40 އިންސައްތަ ކަމުގައިވި، 14,386 ފިރިހެނުންނަކީ މަސްވެރިންނެވެ. 1911ގެ ރާއްޖޭގެ އާބާދީ 72,237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ އަންހެނުންގެ 34 އިންސައްތަ ކަމުގައިވި، 10,486 އަންހެނުން ބޮނބިތަޅައި ރޯނުވެށުމުގެ މަސައްކަތްކުރެއެވެ. ވީމާ، މިއިން އެނގެނީ ދިވެހިންނަކީ މުރާލި މަސައްކަތްތެރި ބައެއްކަމެވެ.
1911
1- ފުރަމާލެ 5236
2000 މީހުންނަށްވުރެ ގިނައިން 2 ރަށް
2- ހުވަދުއަތޮޅު ހަވަރުތިނަދޫ 2325
3. އައްޑޫމުލައް (ފުވައްމުލައް) 2199
1000 މީހުންނަށްވުރެ ގިނައިން
4- ތިލަދުންމަތީ ހުވަރަފުށި 1811
5. ތިލަދުންމަތި ކުޅުދުއްފުށި 1697
6. އައްޑުއަތޮޅު ހިތަދޫ 1587
7. ފާދިއްޕޮޅު ނައިފަރު 1289
8. ތިލަދުންމަތި ދިއްދޫ 1163
9. ފާދިއްޕޮޅު ހިންނަވަރު 1140
މީގެ 115 އަހަރު ކުރިން 1911ގައި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ބޯހިމެނުމުގެ މިތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ތިބި ޒާތްޒާތުގެ މީހުންގެ ތެރޭގައި،
ބޯރާއިން،
މަލާބާރީން،
ސޯޅިއާއިން
މިޒާތްޒާތުގެ 100އަށްވުރެ ގިނަމީހުން ދިވެހިރާއްޖޭގައި ތިއްބެވެ.
ދުނިޔޭގެ އާބާދީ މިވަނީ 8 ބިލިޔަނަށް އަރާފައެވެ. ދުނިޔޭގެ އާބާދީ އެންމެ ބޮޑު 2 ގައުމު ކަމުގައިވާ، އިންޑިޔާ، ޗައިނާ، މި 2 ގައުމުގެ އާބާދީ ވަރަށް އެއްވަރެވެ. 1.4 ބިލިޔަން މީހުން މި 2 ގައުމުގެ އާބާދީގައެވެ. އިންޑިޔާ އާބާދީ1,476,625,576 ޗައިނާގެ އާބާދީ 1,412,914,089 ކަމުގައިވާއިރު 3ވަނަ ގައުމު އެމެރިކާގެ އާބާދީ 349 މިލިޔަނެވެ. ވީމާ، ދުނިޔޭގެ އާބާދީ މިވަނީ މާ އިތުރުވެފައެވެ. ރާއްޖޭގެ އާބާދީ އިތުރުކުރަންޖެހިފައެވެ.
އެޑިޓަރުގެ ނޯޓު:
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު

ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ކޮމެންޓް