ޚުލާސާ

ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ނޯވޭ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރީންނަށް މަރުހަބާ!

އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި މިރޭ ކުޅޭ ކުއާޓާގެ މެޗަށް ނުކުންނަ އިރު، ވޯލްޑް ކަޕް 1966 އަށްފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތައްޓެއް ހޯދުމަށް މަސައްކަތްކުރާ އިންގްލެންޑަކީ މުބާރާތުގެ ފޭވަރިޓް ޓީމެކެވެ. މި ވޯލްޑް ކަޕްގެ ގްރޫޕު ސްޓޭޖުގައި އިންގްލެންޑުން ކުޅުނު މެޗުތަކުގެ ތެރެއިން ކްރޮއޭޝިއާ އާއި ޕެނަމާ އަތުން މޮޅުވި އިރު، ގާނާ އަތުން ވަނީ އެއްވަރުވެފައެވެ. ގަދަ 32 ގައި އިންގްލެންޑުން ވަނީ ފަހުވަގުތު ފަހަތުން އަރައި ޑީއާރް ކޮންގޯ އަތުން މޮޅުވެފައެވެ. އަދި ގަދަ 16 ގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ މެކްސިކޯގެ ކާމިޔާބު ސްޓޭޑިއަމް، އަޒްޓެކާގައި އިންގްލެންޑުން ވަނީ ކުޅުންތެރިޔަކު މަދުކޮށް މެކްސިކޯ ބަލިކޮށްފައެވެ.

މިއީ ނޯވޭގެ ތާރީހުގައި ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނޯވޭއިން ވޯލްޑް ކަޕަށް ކޮލިފައިވެފައި މިވަނީ ވެސް 28 އަހަރުގެ ދިގު އިންތިޒާރަކަށްފަހުއެވެ. މި ވޯލްޑް ކަޕްގެ ގްރޫޕު ސްޓޭޖުގައި ނޯވޭ ހަމައެކަނި ބަލިވެފައިވަނީ ފްރާންސް އަތުންނެވެ. އިރާގާއި ސެނެގާލް ވަނީ ބަލިކޮށްފައެވެ. ގަދަ 32 ގައި ފަހުވަގުތު އައިވަރީ ކޯސްޓް ބަލިކުރި އިރު، ގަދަ 16 ގައި ނޯވޭއިން ވަނީ ވަރުގަދަ ބްރެޒިލް ބަލިކޮށް މުޅި ދުނިޔެ ހައިރާންކޮށްލައިފައެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ރަން ބޫޓަށް ވާދަކުރަމުންދާ އިންގްލެންޑް ކެޕްޓަން ހެރީ ކޭން އަދި ނޯވޭގެ ނުރައްކާތެރި ފޯވަޑް އާލިން ހާލަންޑަށެވެ.

މިހާތަނަށް މުބާރާތުގައި ގޯލު ޖަހާފައިވާ ނިސްބަތަށް ބަލާއިރު، ކޭންއަށް ވުރެ އެއް ގޯލުގެ ތަފާތަކުން ކުރީގައި އުޅެނީ ހާލަންޑެވެ. މުބާރާތުގައި ހާލަންޑް ހަތް ގޯލު ޖަހާފައިވާ އިރު، ކޭން ވަނީ ހަ ގޯލު ޖަހައިފައެވެ. ނަމަވެސް މި ދެ ކުޅުންތެރިން ވެސް އުޅެނީ އާޖެންޓީނާގެ ލިއޮނެލް މެސީ އަދި ފްރާންސްގެ ކިލިއަން އެމްބާޕޭއަށް ވުރެ ފަހަތުގައެވެ. އެ ދެ ކުޅުންތެރިން ވަނީ އަށް ގޯލު ޖަހައިފައެވެ.