އުމުރުން ދުވަސްވީ މީހުން ނިސްބަތުން ގިނަ އާބާދީއަކާ ދިމާއަށް ރާއްޖެ މިސްރާބު ޖަހާފައިވާ މި ދަނޑިވަޅުގައި، ސިއްހީ އޮނިގަނޑުތައް ދަމަހައްޓައި އެ އާބާދީއަށް އެއްބާރުލުން ދިނުމަށްޓަކައި، ޒުވާނުންގެ ސިއްހަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، ސަރުކާރުން ޒުވާނުން ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ މި ދަނޑިވަޅުގައި، ގައުމުގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުން ދިނުމަށް ވެސް ތައްޔާރުވާން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކޮށް، ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ބަލިމަޑުކަމާ ކުރިމަތިލާންޖެހޭ އުމުރު ފަސްކުރުމަށް މަސައްކަތްކުރުމުން، އުފެއްދުންތެރި މަސައްކަތްތެރީންނާއި މަދަދުވެރީން ބިނާ ކުރެވޭނެ ކަމަށެވެ. އެގޮތުން، ކެއާ އިކޮނޮމީގައި ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސް ވިދާޅުވީ މިފަދަ ވުނަކުރުމުން، ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ކަށަވަރުކޮށްދީ، އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ އެއްބާރުލުން ފޯރުކޮށްދީ، އާއިލާތަކަށް، ވަކީން ހާއްސަކޮށް އަންހެނުންނާއި އަންހެން ކުދީންނަށް، އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް އޮންނަ އިލްތިޒާމު ލުއިކޮށްދެވޭނެ ކަމަށެވެ.
މިފަދައިން މީހުންނަށް އަޅައިލުމުގެ ހިދުމަތްތައް ހަރުދަނާކޮށްދީގެން، އިންސާނީ ކަރާމާތް ނަގަހައްޓައި، ދުވަސްވީ މީހުންނަށް މަސައްކަތްތެރި އާބާދީގައި ބައިވެރިވުމުގެ ފުރުސަތުދީ، މިހާރަށްވުރެ ވިލުންތެރި، ޝާމިލު އަދި ފާގަތި ރާއްޖެއެއް ބިނާކުރެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ތަރައްގީ ބަރޯސާވަނީ ހަމައެކަނި އާބާދީގެ ކުޑަބޮޑުމިނުގެ މައްޗަށް ނޫންކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީއަކީ، ގައުމެއްގެ ޒުވާނުންގެ ފުރިހަމަ ގާބިލިއްޔަތު ބޭނުންކުރުމަށް ޒުވާނުން ބާރުވެރިކޮށްދެވޭ މިންވަރުގެ މައްޗަށްވެސް ބަރޯސާވާ ކަމެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ މިއަދު މި ވަނީ، އާބާދީގެ ނިސްބަތްތައް ބަދަލުވަމުންދާ މުހިންމު އިންތިގާލީ މަރުހަލާއެއްގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، މޯލްޑިވްސް 2.0 މަސައްކަތުގެ ތެރެއިން އާންމު ހިދުމަތްތައް ޒަމާނީކޮށް، ސުމޭކު ބިނާރު ތަރައްގީކޮށް، ހަރުދަނާ ސުމޭކު އިގްތިސޯދެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 39 ޕަސަންޓަކީ ޒުވާނުންކަމުގައި ވާހިނދު، ޒުވާނުންނަށް ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދީ، މާނަހުރި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ، މި ސަރުކާރުން އަހައްމިއްޔަތުދޭ ކަމެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންސާނީ ތަރައްގީގެ މި ލަނޑުދަނޑިތަކާ އެކުއެކީ، އާބާދީގެ އަދާހަމަ ތަފާސްހިސާބު އެއްކޮށް، ތަރައްގީގެ ސިޔާސަތުތައް ބިނާކުރެވެނީ މުޖުތަމައަށް ބޭނުންތެރި ކަންކަމުގެ މައްޗަށްކަން ކަށަވަރު ކުރެވެމުންދާން ޖެހޭނެ ކަމަށެވެ.
އެގޮތުން، އާބާދީއާ ގުޅުންހުރި ސައްހަ އަދި އެންމެ ފަހުގެ މައުލޫމާތު ރަށުފެންވަރުގައި އަދާހަމަ ކުރެވޭނެ ފަދަ ގޮތަކަށް އިދާރީ ދަފުތަރުތައް ހަރުދަނާކޮށް، ހެކީގެ މައްޗަށް ބިނާކޮށްގެން ނިންމުންތައް ނިންމުން އިތުރުކޮށް، ހިންގުމުގެ ހަރަދު ކުޑަކޮށް، ދައުލަތުގެ ކުރުންތެރިކަން މިހާރަށްވުރެ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ،
އެއްވެސް މީހެއް ބާކީނުވާނެކަން ކަށަވަރު ކުރުމަށް ގެނެވޭ ގާނޫނީ އިސްލާހުތަކުން ބާރު ލިބިގެން، އަދި ޝާމިލު މަގުޗާޓެއްގެ އެހީގައި، 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދަވަން ގަސްދުކުރައްވަނީ، އިދާރީ ދަފުތަރުތަކާއި ބޯހިމެނުމުގައި މިހާތަނަށް ގެންގުޅެމުންދިޔަ އުސްލޫބުތައް އެކުލަވާލައިގެން ގާއިމުކުރެވޭ ހައިބްރިޑް އުސޫލަކުންކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް