މި އަހަރުގެ ފުރަތަމަ ހަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 868 މިލިއަން ލިބިއްޖެއެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީގެ ބޮޑު ޕަސަންޓަކީ ޓެކުހުން ލިބުނު އާމްދަނީއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 667.9 މިލިއަން ޑޮލަރު ލިބުނުއިރު އެހެން ފީތަކުން 200 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޓެކުހުން ލިބުނު އާމްދަނީން ލިބުނު ޑޮލަރުގެ 66 ޕަސެންޓަކީ ޓީޖީއެސްޓީ އެވެ. އެއީ 431 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިން 70 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ޑިޕާޗާ ޓެކްސް އިން 69 މިލިއަން ޑޮލަރު، ގްރީން ޓެކްސްގެ ގޮތުގައި 79 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ހަ މަހު ޑޮލަރުން ލިބުނު އާމްދަނީ ވަނީ ދިހަ ޕަސަންޓު އިތުރުވެފައެވެ. އަދި މިދިޔަ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ޓެކްސް އާއި ފީތަކުން އާމްދަނީގެ ގޮތުގައި 19 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޖުމްލަ އާމްދަނީވެސް ވަނީ އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 1.4 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރު ލިބުނު އެއް ބިލިޔަން ޑޮލަރާ އަޅާ ބަލާއިރު 37 ޕަސަންޓުގެ އިތުރުވުމެކެވެ.