ގެއެއްގެ ތިޖޫރީ ފަޅާލައި ހަަތަރު މިލިއަން ރުފިޔާ ވަގަށް ނެގި ބައެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި މ. ނަލަހިޔާ ރެސިޑެންސްގޭގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރި ތަކަކަށް ގެއްލުންދީ، ފަޅާލައި، އޭގައި ހުރި 3.9 މިލިޔަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ދައުވާކޮށްފައި ވަނީ ފަސް މީހުންގެ މައްޗަށް ކަމަށެވެ.

ދައުވާ ކުރި މީހުން:

  • މ. އޭސިޔާ، އަހްމަދު ފާރިސް
  • ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުހައްމަދު
  • ސ. މީދޫ، މޫންލައިޓްވިލާ، މުހައްމަދު އަފްރާހް
  • ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާއީލް އާސިފް
  • ޅ. ނައިފަރު، ކަސްތޫރިމާގެ، މުހައްމަދު ނޫރު އަހްމަދު

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ، މި ހަތަރު މީހުންގެ މައްޗަށް ވަނީ ކޮށްފައެވެ. އެ ދައުވާގެ އަސާސީ އަދަަބަކީ މީގެ ތެެރެއިން ކޮންމެ މީހަކު ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މީގެ އިތުރުން އަހްމަދު ފާރިސް އާއި ޖަޒީލު މުހައްމަދާއި މުހައްމަދު ނޫރު އަހްމަދުގެ މައްޗަށް އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުުގެ ދައުވާ ކޮށްފައިވެއެވެ.

މީގެ ތެރެއިން އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އަސާސީ އަދަބަކީ، ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.