ދިވެހިރާއްޖޭގެ އެވޭލާ ތާރީޚު ރަމްޒުކޮށްދޭ އާސާރުތައް ރާއްޖޭގެ އެކިރަަށްރަށުގައި އެބަހުއްޓެވެ. އެފަދަ ތަންތަނުގެ ތެރެއިން އެންމެދުވަސްވީ އެއްތަނަކީ މާލެއަތޮޅު ކާށިދޫ ކުރުހިންނަ ތަރާގަނޑެވެ. މިތަނަކީ ރާއްޖޭގައި ބުދުދީން ފެތުރިފައިއޮތް ޒަމާނުގައި ފައްޅިތަކުގެ ބޮޑުވެގެންވާ އެކުވެންޏެކެވެ. ދިވެހިބަހުން ތަރާގަނޑު ކިޔަނީ ވީރާނާވެފައިވާ ތަނެއްގެ ބިންގަލަށެވެ. ކާށިދޫގައި އެހެރީ ވީރާނާވެފައިވާ އެޒާތުގެ އެންމެ ބިންގަލެއް ނޫނެވެ. ވަރަށް ގާތްގާތުގައި ޖުމްލަ ފަސްދޮޅަސް ހަތަރު ބިނާއެއްގެ ބިންގާ އެބަހުއްޓެވެ. އެކި ސައިޒުން އެކި ބައްޓަމަށެވެ. މައިގަޑުގޮތެއްގައި ވަށްބުރު ބައްޓަމަށެވެ. ބައެއް ތަންތަން އަހުރާމު ބައްޓަމަށެވެ. މިހުރިހާ ތަންތަން ހިމެނޭހެން އެސަރަހައްދަށް ކިޔަނީ ތަރާގަނޑެވެ. ދިވެހިބަހުން ހިންނަޔަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ވަރުވާއަށް ލިޔެދެވޭ ގޮތަށް ޚާއްސަކުރެވިފައިވާ ބިންބިމެވެ. ކާށިދޫއަކީ ތަބައީގޮތުން ދިވެހިރާއްޖޭގައި އެންމެ ބިންބޮޑު ފަސްވަނަ ރަށެވެ.
ކާށިދޫގެ ސައިޒަށް ވިސްނާއިރު އެރަށުގައި އޮންނާނީ ނުވަތަ އޮތީ އެންމެ ހިންނައެއް ނޫނެވެ. ތަރާގަނޑުތައް އެހެރީ އެތަނުން ހިންނައެއްގައެވެ. ކުރުހިންނައިގައެވެ. އެހެންވީމާ ކުރުހިންނަ ތަރާގަނޑުގެ ނަން ލިބުނީއެވެ. އެއީ އިހުޒަމާނުގައި އެތާގައިހުރި ފައްޅީގެ ނަމެއް ނޫނެވެ. ފަހުން އެސަރަހައްދުގެ ނަމާގުޅުވައިގެން ކާށިދޫ އާސާރަށް ނަންދެވިފައިވަނީއެވެ. ކޮންމެއަކަސް މިދެންނެވި ކުރުހިންނަ ތަރާގަނޑަކީ ދިވެހިރާއްޖޭގެ އާސާރީ ސައިޓްތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑަށް ހޯދައިބަލައި ދިރާސާކުރެވިފައިވާ އެއްސައިޓެވެ. އެގޮތުން އެތަނުގެ އުމުރާއި އަސްލާއި އެތަނުގައި ހިނގި ހަރަކާތްތަކުގެ މައްޗަށް ވަރަށް ބޮޑަށް އަލިކަމެއް ލިބެއެވެ. އެކި ހޯދުންތަކާއި ދިރާސާތަކުގެ އަލީގައި އެނގެނީ ކާށިދޫ ކުރުހިންނަ ތަރާގަނޑުގެ އުމުރު މިހާރު ސަތާރަސަތޭކަ އަހަރަށްވުރެ މަތިވެފައިވާ ކަމެވެ. އެތަނުގައި އެންމެ ގަދަޔަށް ހަރަކާތްތައް ހިނގީ މީގެ އެގާރަސަތޭކަ އަހަރު ކުރިންކަމެވެ. އެތަން އުވައިލެވުނީ މީގެ ނުވަސަތޭކަ އަހަރު ކުރިން ރާއްޖެ އިސްލާމްވުމުން ކަމެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އާކިއޮލޮޖިކަލް ސާރވޭއެއް ހެއްދެވި ބޭފުޅަކީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް ކަމުގައިވާ އެޗްސީޕީ ބެލްއެވެ. އޭނާ ތިންފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެންނެވިއެވެ. އެންމެފުރަތަމަ 1879 ގައި އޭނާ ދަތުރުކުރެެއްވި ނައު ރާއްޖޭގެ ފަރަކަށް އުރިގެންނެވެ. އެއަށްފަހު ރަސްމީގޮތުން އެންމެފުރަތަމަ ވަޑައިގެންނެވީ 1920 ގައެވެ. އޭރު އޭނާއަކީ ސިލޯނުގައި ހުންނެވި އިނގިރޭސި ސަރުކާރުގެ އާކިއޮލޮޖިކަލް ކޮމިޝަނަރެވެ. އެޗްސީޕީ ބެލްގެ ތިންވަނަ އަދި އެންމެފަހު ދަތުރު ކުރެެއްވީ 1922 ގައެވެ. މި ދަތުރުތަކުގައި އޭނާ ރާއްޖޭގެ އެކިރަށްރަށަށް ވަޑައިގެން އެރަށްރަށުގައިވާ އާސާރުތައް ބައްލަވައި ދިރާސާތަކެއް ކުރެެއްވިއެވެ. ޚާއްސަކޮށް ރާއްޖޭގެ ދެކުނުގެ ބައެއް ރަށްރަށުގައެވެ. މިއިން އެއްވެސް ދަތުރެއްގައި އޭނާ ކާށިދޫއަށް ޒިޔާރަތެއް ނުކުރައްވައެވެ. އެކަމަކު ދިވެހިންކުރެން މައުލޫމާތު އެއްކުރައްވައިގެން ކާށިދޫގެ އާސާރުތަކެއްގެ ވާހަކަ އޭނާގެ ލިޔުއްވުންތަކުގައި ކުޑަގޮތަކަށް ބަޔާން ކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ މަޝްހޫރު މުއައްރިޚު އުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީ ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ޖޯގްރަފީއާއި ތާރީޚީ އާސާރުތައް ދިރާސާ ކުރެއްވި ޒަމާނުގައި 1950 ގެ އަހަރުތަކުގައި ކާށިދޫއަށްވެސް އޭނާ ވަޑައިގެން ކުރުހިންނަ ތަރާގަނޑުގެ ކަންކަން ހިސާބަކަށް ބެއްލެވިއެވެ. އެފަހަރުވެސް އެންމެ ފުނަށް ފީނައިގަނެވޭނެގޮތް އޮތީ ނުވެފައެވެ. ތަރާގަނޑުގެ ހަގީގަތް އެންމެ ފުރަތަމަ ތިލަވެގެންއައީ 1982 ވަނަ އަހަރުން 1984 ވަނަ އަހަރަށް ނޯވޭގެ މަޝްހޫރު ސައްޔާހު ތޯރ ހައިދާލް ރާއްޖެއަށް ވަޑައިގެން އެކިރަށްރަށަށް ޒިޔާރަތް ކުރައްވައި ހޯއްދެވި ހޯއްދެވުންތަކުންނެވެ. ތަރާގަނޑުގެ މުރަކަ ފާރުތައް ދިރާސާ ކުރެއްވުމަށްފަހު ތޯރ ހައިދާލް ވަނީ މިއީ ޕެރޫގެ ކުޒްކޯގައި ހުންނަ އެންމެ ގަދީމީ އިންކާ ފާރާ އެއްފަދަ އާސާރެއް ކަމަށް ސިފަކުރައްވައިފައެވެ. އެއީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓެކެވެ. ހައިދާލްގެ ކާށިދޫ ދަތުރުގައި އިތުރު މާބޮޑު ކޮނުމެއް ކޮނުނީއެއް ނޫނެވެ.
އޭނާ މަތިމަތިން ބައްލަވައި ފޮޓޯތަކެއް ނަންގަވައި ދިރާސާތަކެއް ކުރެެއްވީއެވެ. ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓަކާ އެއްފަދަ ތަނެއްގެ ގޮތުގައި އޭނާ ކާށިދޫ ތަރާގަނޑު ސިފަކުރެެއްވުމުގެ ނަތީޖާއެއްގެ ގޮތުން ނޯވޭގެ ބައެއް މުއައްސަސާތަކުން މިތަނާ ދޭތެރޭ ޝައުގުވެރިވެ ނޯވޭގެ ޔުނިވަރސިޓީ އޮފް އޮސްލޯއާއި ކޮންޓިކި މިއުޒިއަމާއި ނަންސެން ފައުންޑޭޝަނާއި އަދި އެނޫންވެސް އެކިފަރާތްތަކުން ފަންޑުކޮށްގެން ތަޖުރިބާކާރުންގެ ޓީމެއް ކާށިދޫއަށް ފޮނުވިއެވެ. ވެރިޔަކީ ޔުނިވަރސިޓީ އޮފް އޮސްލޯގެ ޕްރޮފެސަރެއް ކަމުގައިވި އެޖިލް މިކެލްސަންއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒާ ގުޅިގެން މި ޓީމުން ކާށިދޫގައި ހަރަކާތްތެރިވީ 1996 އިން 1998 ވަނަ އަހަރާ ހަމަޔަށެވެ. އެތިބިތިބުމުގައި ކުރުހިންނަ ތަރާގަނޑު ހިމެނޭ ސަރަހައްދުން ވިހިހާސް އަކަފޫޓުގެ އޭރިއާއެއް ކޮނެގެން ބަލައި ހޯދިއެވެ. ތަރާގަނޑުގެ ހަގީގަތް ހާމަވީ މިދެންނެވި ހޯދުންތަކުގައެވެ. އެއީ މިހާތަނަށް ރާއްޖޭގައި ކުރެވިފައިވާ މިޒާތުގެ އެންމެ ބޮޑު މަސައްކަތެވެ.
ޕްރޮފެސަރު މިކެލްސަންއަށް ފެނުނު ތަކެތީގެ ތެރޭގައި އެވޭލާ ޒަމާނުގައި ހިފާގެންގުޅުނު ބައެއް ތަކެއްޗާއި ގަހަނާޔާއި ގުރުބާން ކުރެވުނު ޖަނަވާރުތަކުގެ ކަށްޓާއި ވަޅުލެވިފައިވާ އިންސާނުންގެ ކަށްޓާއި ގިނައަދަދެއްގެ ދިވެހި ބޮއްޔާއި އަދިމިނޫންވެސް ތަފާތު ތަކެތި ފެނިފައިވެއެވެ. މިއިން ކޮންމެ އެއްޗެއް ވަކިން ޓެސްޓްކޮށް ބެލިބެލުމުން އެއީ ރާއްޖެ އިސްލާމްވުމުގެ ކުރީގެ އާސާރުތަކެއްކަން ކަށަވަރުވިއެވެ. މި ހޯދުންތައް ޕްރޮފެސަރު މިކެލްސަން ވަނީ ދިގު ރިޕޯޓެއްގެ ގޮތުގައި ޝާއިއު ކުރައްވައިފައެވެ. ތަރާގަނޑުގެ އުމުރު ބަޔާން ކުރުމުގައި އަޅުގަޑު ރިއާޔަތްކުރީ އެ ރިޕޯޓަށެވެ. މިކެލްސަންގެ ޓީމުގެ މަސައްކަތް ނިންމައިލުމަށްފަހު ތަރާގަނޑުގެ ވަށައިގެން އިންފާރެއް ލެވުނެވެ. އެއީ ހިމާޔަތް ކުރެވިފައިވާ އާސާރީ ސައިޓެއްގެ ގޮތުގައި ދިވެހި ސަރުކާރުންވެސް ހަމަޖެއްސިއެވެ. މިދެންނެވި ތިރި އިންފާރު ރޭނީ އެހިސާބުގައިވާ ބައެއް ގޯތިގޯއްޗާއި ގޭގެއަށް ބަދަލުދީ ނެގުމަށްފަހު އެސަރަހައްދުވެސް ހިމަނައިގެންނެވެ.
ޕްރޮފެސަރު މިކެލްސަންގެ ޓީމަށް އަދި އިތުރުކަމެއްވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެހިސާބުގައިވާ ބައެއް ގޭގެއާއި އެގޭގޭގެ އިންފާރު ރޭނުމުގައި ތަރާގަނޑުގެ ގައުތައް ބޭނުންކޮށްފައިވާ ކަމެވެ. ކުރީގައި މީހުންގެ ހޭލުންތެރިކަން ހުރިނެތްގޮތުގެ ނަތީޖާއަކީއެވެ. ކޮންމެއަކަސް ކާށިދޫ ތަރާގަނޑަކީ މިހާތަނަށް ފެނިފައިވާ ރާއްޖޭގެ އެންމެ ގަދީމީ އާސާރެވެ. އެއީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. މި ނުގުތާއަށް ރިއާޔަތްކޮށް މި ސައިޓް ހިމާޔަތް ކުރުމަށްޓަކައި 2009 ވަނަ އަހަރު އެމެރިކާ ސަރުކާރުންވެސް ޚާއްސަ އެހީއެއް ވަނީ ފޯރުކޮށްދީފައެވެ. މިކަން މިހެންއޮތަސް ކާށިދޫ ކުރުހިންނަ ތަރާގަނޑާމެދު މާބޮޑު ސަމާލުކަމެއް މިހާރުދެވޭ ކަމަށް ނުފެނެއެވެ. މުޅި ސައިޓު މިހާރުއޮތީ ބޯ ޖަންގައްޔަކަށް ބަދަލުވެފައެވެ. ދިވެހިރާއްޖޭގެ އެންމެ ގަދީމީ އާސާރު މިއަދު ފެންނަނީ ޖަންގައްޔެއްގެ ގޮތުގައެވެ. އެކަން އެހެންވުމުގައި ސަބަބުތަކެއްވެސް ހުންނާނެއެވެ. އުންމީދަކީ ރާއްޖޭގެ އާސާރުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ ޕްރޮގްރާމުގެ ތެރެއިން ކުރުހިންނަ ތަރާގަނޑުގެ ހާލަތުވެސް ބަދަލުވުމެވެ.
އިމާދު ލަތީފު
ކުށް
ކުޅުދުއްފުށި ސިޓީ
އިންޑިއާ
ބަހްރެއިން
ކޮމެންޓް