ޚުލާސާ
ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ސްވިޒަލެންޑާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރީންނަށް މަރުހަބާ!
ކެނެޑާގެ ބީސީ ޕްލޭސް ވެންކޫވާގައި ކުޅޭ މި މެޗަށް ނުކުންނަ ކޮލަމްބިއާ އިން އަންނަނީ މި ވޯލްޑް ކަޕްގައި ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ. ޕޯޗުގަލް ހިމެނުނު ގްރޫޕުން ކޮލަމްބިއާ ވަނީ އެއްވަނަ ހޯދައިފައެވެ. ގްރޫޕު ސްޓޭޖުގައި ޑީއާރް ކޮންގޯ އާއި އުޒްބެކިސްތާން އަތުން މޮޅުވި އިރު، ޕޯޗުގަލް އަތުން ވަނީ އެއްވަރުވެފައެވެ. ކޮލަމްބިއާ އިން ގަދަ 16 ގެ ޖާގައެއް ހޯދީ ގަދަ 32 ގެ މެޗުގައި ގާނާ އަތުން މޮޅުވެގެންނެވެ.
ކޮލަމްބިއާ އިން އެންމެ ފަހުން ގަދަ 16 ގައި ވާދަކުރީ ވޯލްޑް ކަޕް 2018 ގައެވެ. ނަމަވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެއް ނުވެއެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 އަށް ކޮލިފައިވެފައިނުވާ ކޮލަމްބިއާ އިން އެންމެ ފަހުން ކުއާޓާ ފައިނަލާ ހިސާބަށް ދަތުރުކޮށްފައިވަނީ ވޯލްޑް ކަޕް 2014 ގައެވެ. އެއީ ކޮލަމްބިއާގެ އެންމެ ކާމިޔާބު ވޯލްޑް ކަޕެވެ. ވޯލްޑް ކަޕްގައި ކޮލަމްބިއާއަށް އެންމެ ދުރަށް ދެވިފައިވަނީ ވެސް ކުއާޓާއާ ހިސާބަށެވެ.
މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ ހިމެނުނު ގްރޫޕުން ސްވިޒަލެންޑް ވަނީ އެއްވަނަ ހޯދައިފައެވެ. ގަތަރު އަތުން ސްވިޒަލެންޑް އެއްވަރުވީ ނަމަވެސް، ބޮސްނިއާ އަދި ކެނެޑާ އަތުން ވަނީ މޮޅުވެފައެވެ. ސްވިޒަލެންޑުން ގަދަ 16 ގެ ޖާގައެއް ހޯދީ ގަދަ 32 ގެ މެޗުގައި އަލްޖީރިއާ ބަލިކޮށްގެންނެވެ.
ސްވިޒަލެންޑުން ވަނީ އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ގަދަ 16 އާ ހިސާބަށް ދަތުރުކޮށްފައެވެ. ނަމަވެސް އެންމެ ފަހުން ކުއާޓާ ފައިނަލާ ހިސާބަށް ސްވިޒަލެންޑް ދަތުރުކޮށްފައިވަނީ އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް 1954 ގައެވެ. އޭގެ ކުރިން ވެސް ދެ ވޯލްޑް ކަޕެއްގެ ކުއާޓާގައި ސްވިޒަލެންޑުން ވާދަކުރިއެވެ. ވޯލްޑް ކަޕްގައި ސްވިޒަލެންޑަށް އެންމެ ދުރަށް ދެވިފައިވަނީ ވެސް ކުއާޓާއާ ހިސާބަށެވެ.
ކޮމެންޓް