ސީރިޔާގެ މައިގަނޑު ބައިވެރިއެއްގެ ގޮތުގައި ފަރަންސޭސިވިލާތް ހަމަޖައްސަން ބޭނުންފުޅުވާ ކަމަށް، ސީރިޔާގެ ރައީސް އަހްމަދު އައްޝަރްއާ މިއަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ސީރިޔާގެ ވެރިރަށް ދިމިޝްގަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި އިގުތިސޯދީ ފޯރަމެއްގައެވެ.

ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ވިޔަފާރިއަށް އައިސްފައިވާ ބަދަލުތަކަށް އިޝާރާތްކުރައްވައި، އައްޝަރްއާ ވިދާޅުވި ގޮތުގައި ރައްކާތެރި އަދި ޔަގީންކަން އޮތް ވިޔަފާރީގެ މަގުތަކެއްގެ މުހިންމުކަން މިހާރު ދުނިޔެއަށް ވަނީ ހާމަވެފައެވެ.

އޭއެފްޕީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސީރިޔާގެ ޖިއޮގްރަފީގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު މަރުކަޒަކަށް އެ ގައުމު އަލުން ވެފައިވާ ކަމަށް އައްޝަރްއާ ފާހަގަކުރެއްވިއެވެ. އީރާނުގެ ހަނގުރާމައާ ގުޅިގެން ކަނޑުމަގުން މުދާ އުފުލުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއެކު، އެއްގަމު މަގުން މުދާ އުފުލުމުގެ ނިޒާމެއް ގާއިމުކުރުމަށް ސީރިޔާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

“މި މަގުގައި އަޅުގަނޑުމެންގެ އެންމެ އިސް ބައިވެރިޔަކަށް ފަރަންސޭސިވިލާތް ވުމަށް އަޅުގަނޑުމެން ބޭނުންވޭ،” އައްޝަރްއާ ވިދާޅުވިއެވެ. މީގެ އިތުރުން، ސީރިޔާއިން މަސައްކަތްކުރަމުން އަންނަނީ ހަމައެކަނި ތެޔޮ އުފައްދާ ގައުމެއްގެ ބަދަލުގައި، މެދުއިރުމަތީގެ ވިޔަފާރިއާއި ލޮޖިސްޓިކްސް ގުޅުވައިދޭ މައި މަރުކަޒަކަށް ވުމަށް ކަމަށް ސީރިޔާ ސަރުކާރުން ބުނެފައިވެއެވެ. މިއީ ސަރަހައްދީ އިގުތިސޯދުގައި ސީރިޔާގެ ދައުރު ފުޅާކުރުމަށް އެ ގައުމުން ގެންގުޅޭ އާ ސިޔާސަތެކެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވި ގޮތުގައި، ފަރަންސޭސިވިލާތުގެ އަމާޒަކީ ސީރިޔާއަކީ ދިގު މުއްދަތަކަށް ސަރަހައްދީ ލޮޖިސްޓިކްސް އަދި ހަކަތައިގެ މަރުކަޒަކަށް ހެދުމެވެ. އަދި ހޮރުމުޒް ކަނޑުއޮޅީގެ މައްސަލަތަކާ ގުޅިގެން އުފެދިފައިވާ ނުރައްކާތައް ކުޑަކުރުމަށް ސީރިޔާގެ މަގުތައް ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.