ތައިލެންޑުގެ ހުޅަނގުގައި އޮންނަ ޕެޗަބޫރީ ޕްރޮވިންސްގެ އާސާރީ ސަރަހައްދެއް ކަމަށްވާ ޑޮން ޔައި ތޮންގުން، މީގެ 2،000 އަހަރު ކުރީގެ ރަނުގެ ދެ އަނގޮޓި ފެނިއްޖެއެވެ. ތައިލެންޑުގެ ސަރުކާރުގެ ފައިން އާޓްސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ތަކެތި ފެނިފައިވަނީ މިދިޔަ ހަފުތާގައި އެ ސަރަހައްދު ކޮނުމުގެ ތެރޭގައި އިންސާނުންގެ ކަށިތަކަކާ އެކުގައެވެ.
މި ދެ އަނގޮޓީގެ ތެރެއިން އެއް އަނގޮޓީގައި އިންޑިއާގެ ބޯދާ ލިޔުމެއް ކަމަށްވާ ބްރަހްމީ އަކުރުން ލިޔެފައިވާ ލިޔުމެއް ވެއެވެ. ތަޖުރިބާކާރުންނާ ހަވާލާދީ ފައިން އާޓްސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، އެ ލިޔުމުގައި ވަނީ އިންޑިއާގެ ނުޖޫމީ އިލްމުގައި ފާހަގަކުރެވޭ ނަސީބުގަދަ ތަރިއެއް ކަމަށްވާ “ޕުޝްޔާ” ގެ ރައްކާތެރިކަން ލިބިގެންވާ މީހާ ކަމަށެވެ. ދެވަނަ އަނގޮޓިއަކީ އެއްވެސް ކުރެހުމެއް ނެތް އާދައިގެ ރަން އަނގޮޓިއެކެވެ.
މި ތަކެތީގެ ވެރިފަރާތަކީ އިންޑިއާގެ ބޯދާ ޒަމާނުގެ ވިޔަފާރިވެރިންގެ ދަރަޖައެއް ކަމަށްވާ “ވައިޝްޔާސް” އަށް ނިސްބަތްވާ މީހެއް ކަމަށް ބެލެވޭ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ. މިއީ އިންޑިއާއާއި އިރުދެކުނު އޭޝިއާއާ ދެމެދު އޭރު އޮތް ވިޔަފާރީގެ ގުޅުންތައް ދައްކުވައިދޭ ހެއްކެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ވެރިރަށް ބެންކޮކާ 130 ކިލޯމީޓަރު ދުރުގައި އޮންނަ މި ސަރަހައްދަކީ މީގެ 1،500 އާއި 2،500 އަހަރާ ދެމެދުގެ ތާރީހެއް އޮތް ތަނެއް ކަމަށް ވަނީ ކަށަވަރުކުރެވިފައެވެ. މި އަހަރުގެ ކުރީކޮޅު މި ސަރަހައްދު ހޯދުމަށްފަހު، ފެބްރުއަރީ މަހުން ފެށިގެން ކުރިއަށްގެންދާ ކޮނުމުގެ މަސައްކަތުން މިހާތަނަށް 8 މީހެއްގެ ކަށިގަނޑާއި، ރަނާއި ލޮއިގެ ގަހަނާއާއި، މަށިން ހަދާފައިވާ ތަކެތި ފެނިފައިވެއެވެ. މިއީ މުއްސަނދިން ނުވަތަ މަތީ ފަންތީގެ މީހުން ވަޅުލުމަށް ބޭނުންކުރި ތަނެއް ކަމަށް ވަނީ ބެލެވިފައެވެ.
ފައިން އާޓްސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެއެވެ. އަދި އެއަށްފަހު، ފެނުނު އާސާރީ ތަކެތި އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ކޮމެންޓް