ޚުލާސާ
ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރީންނަށް މަރުހަބާ!
އަމިއްލަ ގައުމުގެ ސިއޭޓަލް ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް އެމެރިކާ ނުކުންނަ އިރު، އެމެރިކާގެ އިތުބާރު ފޯވަޑް ފޮލާރިން ބަލޮގަންއަށް ދެކި ރަތް ކާޑުގެ އަދަބު ލުއިކޮށް ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭ ގޮތަށް ވަނީ ނިންމައިފައެވެ. އެ އަދަބު ލުއިކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަޝްވަރާކޮށް، ނުފޫޒުން ކަމަށްބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
އެމެރިކާއިން ގްރޫޕު ސްޓޭޖުގައި ޕެރަގުއާއީ އާއި އޮސްޓްރިއާ އަތުން މޮޅުވި އިރު، ފަހު މެޗުގައި ތުރުކީ އަތުން ވަނީ ބަލިވެފައެވެ. އުންމީދީ ކުޅުމެއް ދައްކަމުންދާ އެމެރިކާއިން ގަދަ 16 ގެ ޖާގައެއް ހޯދީ ގަދަ 32 ގައި ބޮސްނިއާ ބަލިކޮށްގެންނެވެ.
އަނެއްކޮޅުން ބެލްޖިއަމުން މުބާރާތުގެ މިހާ ހިސާބަށް ދަތުރުކޮށްފައިވަނީ އުނދަގޫތަކަކާއެކުއެވެ. ގްރޫޕުގެ ފަހު މެޗާ ހަމައަށް އުނދަގޫ ހާލަތެއްގައި އޮތް ބެލްޖިއަމަށް ނޮކްއައުޓްގެ ޖާގައެއް ކަށަވަރުވީ ފަހު މެޗުގައި ބޮޑު ތަފާތަކުން ނިއު ޒިލޭންޑް ބަލިކުރުމުންނެވެ. ނަމަވެސް ގްރޫޕު ސްޓޭޖުގެ ފަހު ދުވަހުގެ ނަތީޖާތަކަށްފަހު ނޮކްއައުޓް ބުރުގެ ޖާގައަކާއެކު ގްރޫޕުގެ އެއްވަނަ ވެސް ބެލްޖިއަމަށް ލިބުނެވެ. ގްރޫޕު ސްޓޭޖުގެ ފަހު މެޗުގެ ކުރިން ކުޅުނު ދެ މެޗުގައި މިސްރު އަދި އީރާން އަތުން ވެސް ބެލްޖިއަމް ވަނީ އެއްވަރުވެފައެވެ.
ބެލްޖިއަމަށް ގަދަ 32 ގެ މެޗު ވެސް ވެގެންދިޔައީ އުނދަގޫ މެޗަކަށެވެ. ސެނެގާލުން ދެ ގޯލުގެ ލީޑެއް ހޯދާފައިވަނިކޮށް، ބެލްޖިއަމް ސަލާމަތްވީ ފަހު ހަތަރު މިނެޓުގެ ތެރޭގައި ޖެހި ދެ ގޯލުންނެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ބެލްޖިއަމް މޮޅުވީ ޕެނަލްޓީއެއް ލިބި، އެ ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.

ކޮމެންޓް