ފަލަސްތީނުގެ ގައްޒާގައި ވެރިކަންކުރަމުން އައި ހަމާސް ޖަމާއަތުގެ އިދާރީ ކޮމިޓީ އުވާލައި، މަދަނީ އާ ކޮމިޓީއަކާ ވެރިކަން ހަވާލުކުރަން ނިންމައިފިއެވެ. މިއަދު އިއުލާނުކުރި މި ނިންމުމަކީ ފަލަސްތީނުގެ އެތެރޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށާއި، ގައްޒާގެ އިދާރީ ހިންގުން ބަދަލުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ހަބަރުތައް ބުނެއެވެ.

ހަމާސްގެ މީޑިއާ އޮފީހުގެ އިސްވެރިޔާ އިސްމާއީލް އައްސަވާބިތާ ވިދާޅުވި ގޮތުގައި، އެ ޖަމާއަތުގެ ސަރުކާރުގެ އިމަޖެންސީ ކޮމިޓީގެ ވެރިޔާ މުހައްމަދު އަލްފައްރާ ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ. އަދި އެ ކޮމިޓީ އުވާލީ، "ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ގާޒާ" (އެންސީއޭޖީ) އަށް ގައްޒާ ހިންގުމުގެ ބާރުތައް ބަދަލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ވިދާޅުވީ، މިއީ އިސްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދިއުމަށް ދައްކާ ބަހަނާތައް ނައްތާލުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. 2007 ވަނަ އަހަރުން ފެށިގެން ގައްޒާ ކޮންޓްރޯލްކުރަމުން އަންނަ ހަމާސްއިން މި ނިންމުން ނިންމާފައިވަނީ، ފަލަސްތީނުގެ އެކި ފެކްޝަންތަކުގެ މެދުގައި މިސްރުގެ ގާހިރާގައި ކުރިއަށްދިޔަ މަޝްވަރާތަކަކަށް ފަހުގައެވެ.

މި ބަދަލާ ގުޅިގެން ފަތަހަޖަމާއަތުން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަތަހަ ޖަމާއަތުގެ ތަރުޖަމާނު މުންޒިރު އަލްހާޔިކް ވިދާޅުވީ ގައްޒާ ހިންގަން އެކުލަވައިލާ ކޮންމެ ކޮމިޓީއެއްވެސް ހިންގަންވާނީ ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ގެ ވަޒީރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ކޮމިޓީއަކީ ރާމަﷲ ގައި ގާއިމުވެފައިވާ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ކޮމިޓީއަކަށް ވާންޖެހޭނެ ކަމަށާއި، މިއީ ގައްޒާ އާރާސްތުކުރުމަށާއި މުސްތަގުބަލުގައި އާންމު އިންތިހާބުތައް ބޭއްވުމަށް އޮތް ހަމައެކަނި މަގު ކަމަށް ފަތަހައިން ދެކެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމަށް 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގާއިމުކުރި އެންސީއޭޖީގެ އިސްވެރިޔަކީ އަލީ ޝާތުއެވެ. ނަމަވެސް އިސްރާއީލުގެ އިއުތިރާޒުތަކާ ހުރެ އެ ކޮމިޓީ އަދިވެސް އޮޕަރޭޓްކުރަމުން ދަނީ ގާހިރާގައެވެ.

ސަރަހައްދީ މަސްރަހު ދިރާސާކުރައްވާ ގައްޒާގެ ތަޖުރިބާކާރެއް ކަމަށްވާ މުހައިމަރު އަބޫސާދާ އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަމާސްގެ މި ނިންމުމަކީ ހަމައެކަނި ރަމްޒީ ފިޔަވަޅެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މައިގަނޑު މައްސަލައަކީ ހަމާސްގެ ހަތިޔާރުތައް ދޫކޮށްލުމާމެދު އަދިވެސް އެއްބަސްވުމަކަށް އާދެވިފައި ނުވުމެވެ.