ވައިއާރްއެފް ސްޕައިވާސްގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ “އަލްފާ” މިދިޔަ އިއްޔެ ސިނަމާތަކުގައި އަޅުވައިފިއެވެ. ޝިވް ރަވައިލް ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ އާލިއާ ބަޓް އާއި ޝަރުވަރީއެވެ. މިއީ މި ފްރެންޗައިޒްގެ ދަށުން އަންހެން ތަރިން ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން، ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރު ވެސް މި ފިލްމުގެ މުހިންމު ރޯލުތަކަކުން ފެނިގެންދެއެވެ.

ފިލްމު ރިލީޒްކުރުމާއެކު ކްރިޓިކުންނާއި އާންމުންގެ ފަރާތުން ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އިންޑިއަން އެކްސްޕްރެސް އަދި ހިންދުސްތާން ޓައިމްސް ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފިލްމުގެ ލީޑު ރޯލު ކުޅުނު ތަރިންގެ އެކްޓިންގެ ކިބައިގައި މާ ބޮޑު އަސަރެއް ނެތެވެ. ހާއްސަކޮށް އާލިއާ ބަޓްގެ އެކްޝަން ރޯލު ގަބޫލުކުރަން ދަތި ކަމަށާއި، ފިލްމުގެ ވާހަކައިގެ ދުވެލި ލަސްވުމާއި، ސްކްރިޕްޓް ބަލިކަށިވުމަކީ ފިލްމުގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ފާޑުކިުޔުންތެރިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ފިލްމުގެ މައިގަނޑު ތަރިންނަށް ވުރެ ބޮޑަށް ބެލުންތެރިންގެ ސަމާލުކަން ހުއްޓުނީ ފިލްމުގެ ކުޑަ ތަންކޮޅަކުން ފެނިގެންދިޔަ ރިތިކް ރޯޝަންގެ ކެމިއޯއަށެވެ. ފާޑުކިޔުންތެރިން ބުނި ގޮތުގައި، ރިތިކްގެ ފެނިލުމަކީ ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ގިނަ ބަޔަކު ގަޔާވި މަންޒަރެވެ. ނަމަވެސް، އެންމެ މަންޒަރަކުން މުޅި ފިލްމުގެ ބަލިކަށިކަން ފޮރުވައި ނުލެވޭނެ ކަމަށް ވެސް ބައެއް ރިވިއުތަކުގައި ބުނެފައިވެއެވެ.

މީގެ ކުރިން ނެރުނު “ވޯ 2” އަށް ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާއިރު، “އަލްފާ” އަކީ ވެސް މި ފްރެންޗައިޒްއަށް ލިބުނު އިތުރު ހީނަރުކަމެއް ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ. ފިލްމުގެ ފުރަތަމަ ދުވަހުގެ އާމްދަނީއަށް ބަލާއިރު، ލިބިފައިވަނީ ގާތްގަނޑަކަށް ނުވަ ކްރޯޑު ރުޕީސް ކަމަށް ޓްރޭޑް އެނަލިސްޓުން ހާމަކޮށްފައިވެއެވެ.