ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ދޫކުރާ "އެޑްވާންސް މާޗަންޓް ސެޓްލްމަންޓް" ފައިނޭންސިން ހިދުމަތަށް އެ ބޭންކުން މިއަދު ބޮޑެތި ލުއިތަކެއް ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން މިރޭ ބުނީ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވީހާވެސް ފަސޭހަ އަދި އަވަސް މަގަކުން ފޯރުކޮށްދިނުމުގެ މަގުސަދުގައި ގެނައި އެ ބަދަލުތަކުގެ ތެރޭގައި، ހިދުމަތަށް އެދި ހުށަހަޅާތާ އެންމެ ފަސް ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ފައިނޭންސިންގެ ގޮތުގައި ދޫކުރާ އަދަދު ދެ މިލިއަން ރުފިޔާއާ ހަމައަށް އިތުރުކުރުން ހިމެނޭ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ ބަދަލަކީ ދިވެހި ވިޔަފާރިވެރިންނަށް ބޭނުންވާ މާލީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ވިޔަފާރިތައް ފުޅާކުރުމަށް ބޭންކުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ.

ޝަރީފު ވިދާޅުވީ ބޭންކުގެ މައިގަނޑު އަމާޒަކީ ފައިނޭންސިންއަށް އެދި ހުށަހަޅާ މަރުހަލާ ވީހާވެސް ބޮޑަށް ލުއިކޮށްދީ، މާޗަންޓުންގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ މާލީ ބާރުވެރިކަން ހޯދައިދިނުން ކަމަށެވެ.

ބީއެމްއެލުން ބުނީ އެ ފައިނޭންސިން ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބީއެމްއެލްގެ މާޗަންޓް ހިދުމަތް ބޭނުންކުރާތާ މަދުވެގެން ހަ މަސް ދުވަސްވެފައިވާ ވިޔަފާރިތަކަށެވެ. އަދި މަހަކު އެވްރެޖްކޮށް 20,000 ރުފިޔާގެ ކާޑު މުއާމަލާތް ހިންގާފައިވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އޮވެގެން ނުވާނެކަމަށް ބީއެމްއެލުން ބުންޏެވެ.

އެ ހިދުމަތުގެ އެންމެ ހާއްސަ އެއް ކަމަކީ ފައިސާ އަނބުރާ ދެއްކުމަށް ގާއިމުކޮށްފައިވާ ލުއި އިންތިޒާމެއްކަމަށް ބީއެމްއެލުން ބުންޏެވެ. އެގޮތުން، ކޮންމެ ދުވަހަކު ވިޔަފާރިއަށް ލިބޭ ކާޑު ސޭލްސްގެ ތެރެއިން ފައިނޭންސިންއަށް ދައްކަންޖެހޭ މިންވަރު އޮޓޮމެޓިކުން ކެނޑިގެންދާނެކަމަށް ބީއެމްއެލުން ބުންޏެވެ.

ވިޔަފާރިތަކުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެ ފައިނޭންސިން ހިދުމަތަށް، ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ހުށަހެޅޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

މިއީ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ އަވަހަށް ލިބޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ނިންމުމެއްކަމަށް ބީއެމްއެލުން ބުންޏެވެ. އެ ހިދުމަތާ ގުޅޭ އިތުރު ތަފުސީލު ބޭންކުގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބީއެމްއެލުން ބުންޏެވެ.