ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި އިތުރު ލުއިތަކެއް ލިބޭ "ބީއެމްއެލް ސްޕްލިޓްޕޭ" ގެ ހިދުމަތް އިއްޔެ ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން އިއްޔެ ބުނީ އެ އާ ހިދުމަތުގެ ދަށުން، ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓާކާޑް ބޭނުންކުރާ ކަސްޓަމަރުންނަށް، 1,500 ރުފިޔާއަށްވުރެ މަތީގެ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި ތިން މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިހުތިޔާރު ލިބިގެންދާނެ ކަމަށެވެ.

ވިޔަފާރިކުރާ ވަގުތު ޕީއޯއެސް މެޝިން މެދުވެރިކޮށް، އެ މުއާމަލާތަކީ މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ކުރާ މުއާމަލާތަކަށް ވަގުތުން ބަދަލުކޮށްލެވޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ ހިދުމަތަކީ ކަސްޓަމަރުން ކުރާ ހަރަދުތައް މާލީގޮތުން ބަޖެޓްކޮށް، ރޭވުންތެރިކަމާއެކު މެނޭޖްކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި މިއީ އަގުބޮޑު ތަކެތި ގަންނަ ފަރާތްތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ހިދުމަތެއްކަމަށް ޝަރީފު ވިދާޅުވިއެވެ.

އެ ހިދުމަތް ލިބޭނީ "ބީއެމްއެލް ސްޕްލިޓްޕޭ" ލިމިޓް ކަނޑައަޅާފައިވާ ކަސްޓަމަރުންނަށްކަމަށް ބީއެމްއެލުން ބުންޏެވެ.

އެފަދަ ހިދުމަތެއް ތައާރަފުކުރުމުގެ މަގުސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭ، އީޖާދީ އަދި ލުއިފަސޭހަ ޕޭމަންޓް ހިދުމަތްތައް ފޯރުކޮށްދިނުންކަމަށް ބީއެމްއެލުން ބުންޏެވެ.