ބަރަހަނާ ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން މީހަކު ބްލެކްމެއިލް ކުރިކަމަށް ތުހުމަތުކުރެވޭ މުހައްމަދު ފަވާޒު ލުތުފީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުންވެސް އިއްޔެ ތާއީދުކޮށްފިއެވެ.

ދައުލަތުން ފަވާޒުގެ މައްޗަށް ކޮށްފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައަކީ 2021 ވަނަ އަހަރުގެ ތެރޭގައި ސްނެޕްޗެޓް މެދުވެރިކޮށް "ކޭ ކަމާލް" ނަމަކަށް ކިޔާ ޔޫސާ ނޭމެއް ބޭނުންކޮށްގެން، އަންހެނަކަށް ހެދިގެން ހަގީގަތް އޮޅުވާލައި، މީހަކާ މުއާމަލާތްކޮށް ހިންގާފައިވާ އަމަލުތަކަކާ ގުޅިގެން ފަވާޒުގެ މައްޗަށް ކުރި ދައުވާއެކެވެ.

ފަވާޒުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބަޔާންކޮށްފައިވަނީ، ފަވާޒު ވަނީ މީހެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހޯދުމަށްފަހު، އެ ތަކެތި އެހެން ފޯނަކުން ރެކޯޑުކޮށް، އޭނާ ބުނި އަދަދަށް ފައިސާ ނުދީފި ނަމަ، އެ ފޮޓޯތައް ލީކުކޮށްލާނެކަމަށް ބުނެ ބިރުދައްކައި ބްލެކްމެއިލް ކޮށްފައި ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ކުރިމިނަލް ކޯޓުން 28 އޭޕްރީލް 2026 ގައި ނިންމާފައިވަނީ، މަދަނީ މިންގަނޑުން ބަލާއިރު މި މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ދައުވާ ބާތިލުކަމަށް ދަށު ކޯޓުން ވަނީ ކަނޑައަޅައިފައެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުގައި ބަޔާންކޮށްފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ބްލެކްމެއިލްގެ ކުށް ފުރިހަމަވާނީ އެ ގާނޫނުގައި ބަޔާންކުރާ ރޭޕް، ޖިންސީ އަނިޔާ ނުވަތަ ޖިންސީ ގޯނާ ފަދަ ޖިންސީ އަމަލެއް ހިންގުމަށްފަހު އެކަމާ ގުޅުވައިގެން ބްލެކްމެއިލް ކުރުމުން ކަމަށެވެ.

އޮރިޔާން ކާޑު ފޮނުވަން އެދުމާއި އެ ތަކެތި ލިބިގަތުމަކީ އެ ގާނޫނުގެ ނުވަވަނަ މާއްދާގައި ބަޔާންކުރާ "ޖިންސީ އަމަލެއް" ކަމުގައި ބެލެވެން ނެތް ކަމަށާއި، އަދި ފަވާޒުގެ ކިބައިގައި ޖިންސީ ނިޔަތެއް އޮތްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ކުރިމިނަލް ކޯޓުގެ ނިންމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މިއީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދައުވާ ކުރެވޭނެކަމެއް ނޫންކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅިއެވެ.

ދައުލަތުގެ ފަރާތުންވަނީ ކުރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުގައި ދައުލަތުން ވިދާޅުވެފައިވަނީ އޮރިޔާން ފޮޓޯއާއި ވީޑިއޯ ބަދަލުކުރުމަކީ ޖިންސީ ގުނަވަނަކާމެދު ހިންގޭ އަމަލަކަށްވާތީ އެއީ ޖިންސީ އަމަލެއް ކަމަށް ބެލެވޭނެ ކަމަށެވެ. ދައުލަތުން ބުނެފައިވަނީ ފަވާޒު އަންހެނަކަށް ހެދިގެން ވާހަކަދެއްކީ ޖިންސީ އެދުންވެރިކަމުގެ ތަސައްވުރެއް ދައްކައިގެން ކަމަށްވާތީ، އޭނާގެ ޖިންސީ ނިޔަތް އޮތްކަން އެނގޭ ކަމަށެވެ.

ފަވާޒުގެ ފަރާތުން ދިފާއުގައި ބުނެފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބަޔާންކުރާ އަމަލުތަކަކީ ސީދާ ޖިސްމާނީ ގޮތުން ހިންގާ އަމަލުތަކެއް ކަމަށާއި، ދަށު ކޯޓުގެ ނިންމުމަކީ ގާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ކަމަށެވެ.

ހައިކޯޓުން މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، ކުރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި މާނަކުރުމުގެ ހަމަތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ބްލެކްމެއިލްގެ ކުށް ސާބިތުވުމަށްޓަކައި އެ ގާނޫނުގައި ބަޔާންކުރާ ފަދަ ޖިންސީ އަމަލެއް ހިނގާފައި އޮންނަންޖެހޭނެކަމަށް ހައިކޯޓުގެ ނިންމުގައިވެއެވެ.

އެހެންކަމުން، ފަވާޒުގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުންވަނީ ހުކުމްކޮށްފައެވެ.