ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންގެންދާ މިސައިލް އަދި ޑްރޯން ހަމަލާތަކަކީ ވަކިވަކިން ދޭ ހަމަލާތަކެއް ނޫން ކަމަށާއި، އެއީ ރޭވިގެން ގަސްތުގައި ދެމުންދާ ހަމަލާތަކެއް ކަމަށް ބަހްރޭނުން އދ. ގެ ސަލާމަތީ މަޖިލީހުގައި އިއްޔެ ބުނެފިއެވެ.

ބަހްރޭނުގެ ހާރިޖީ ވަޒީރު އަބްދުއްލަތީފް ބިން ރާޝިދު އައްޒަޔާނީ ވިދާޅުވި ގޮތުގައި، ފެބްރުއަރީ 28 އިން ފެށިގެން އީރާނުން ވަނީ 808 ހަމަލާ ދީފައެވެ. މީގެ ތެރޭގައި 203 ބެލިސްޓިކް މިސައިލާއި 605 ޑްރޯން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހަމަލާތަކުގައި އާންމުންގެ ތިން މީހުން މަރުވެ، 465 މީހުންނަށް އަނިޔާވެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އައްޒަޔާނީ ވިދާޅުވީ އީރާނުން ބުނާ ގޮތާ ހިލާފަށް، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އަސްކަރީ މަރުކަޒުތަކަކަށް ނޫނެވެ. އޭގެ ބަދަލުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި، ފެން ޕްލާންޓްތަކުގެ އިތުރުން ކުވައިތުގެ ބައިނަލްއަގުވާމީ އެއާޕޯޓާއި ޔޫއޭއީގެ ބަރަކާ ނިއުކްލިއާ ޕަވަރ ޕްލާންޓަށް ވެސް ހަމަލާދީފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މިއީ މުޅި ސަރަހައްދުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަހްރޭނުން ވަނީ ސިފަކޮށްފައެވެ.

މި ތުހުމަތުތަކަށް ރައްދުދެއްވައި އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަމީރް ސައީދު އިރަވާނީ ވިދާޅުވީ، ބަހްރޭނާއި ގަލްފުގެ އެހެން ގައުމުތަކުން އެމެރިކާއާއި އިސްރާއީލުގެ އަމަލުތަކަށް ވާގިވެރިވަމުންދާ ކަމަށެވެ. އެގޮތުން، އީރާނާ ދެކޮޅަށް ބޭނުންކުރުމަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި ބިން ދޫކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޯލްޓްޒް ވަނީ އީރާނުގެ އަމަލުތައް ކުށްވެރިކުރައްވައި، ބައިނަލްއަގުވާމީ ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލައްވައިފައެވެ. މި މައްސަލައާ ގުޅިގެން ސަލާމަތީ މަޖިލީހުން އަޅާނެ ފިޔަވަޅަކާ މެދު މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ.