ޕޫނޭގެ ވިޔަފާރިވެރިޔާ ކޭޓަން އަގަރްވާލްގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ސިޔާ ގޯޔަލްގެ ގާނޫނީ ވަކީލު ކަމަށް ބުނާ އާޝުތޯޝް ސްރިވާސްތަވާ، ސިޔާގެ ބޭބެ ސާހިލް ގޯޔަލްގެ މައްޗަށް 10 ކްރޯޑު ރުޕީސްގެ އަބުރުގެ ދައުވާއެއް އުފުލައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، ސިޔާ ތަމްސީލުކުރުމަށް އާއިލާއިން އާޝުތޯޝް އައްޔަނުކޮށްފައި ނުވާނެ ކަމަށާއި، އޭނާ ސިޔާގެ ސޮއި ހޯދާފައިވަނީ އޮޅުވާލައިގެން ކަމަށް ބެލެވޭ ކަމަށް ބުނެ ސާހިލް މީޑިއާއަށް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ. އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސާހިލްގެ މި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު އަދި އޭނާގެ ޕްރޮފެޝަނަލް އަބުރަށް ގެއްލުންދޭ ވާހަކަތަކެއް ކަމަށް ބުނެ އާޝުތޯޝް ވަނީ ގާނޫނީ ނޯޓިސް ފޮނުވާފައެވެ. މީގެ އިތުރުން، ސިޔާގެ އާއިލާއިން ރަސްމީކޮށް އައްޔަނުކޮށްފައިވަނީ ވަކީލު ވިޕުލް ދުޝިންގް ކަމަށާއި، އެކަން ކޯޓަށް އަންގާފައިވާނެ ކަމަށްވެސް ސާހިލް ބުނެފައިވެއެވެ.
އެ ނޯޓިސްގައި އާޝުތޯޝް ބުނި ގޮތުގައި، އޭނާގެ ޓީމުން ސިޔާއާ ބައްދަލުކުރީ ސީދާ ސިޔާގެ އެދުމުގެ މަތިންނެވެ. އަދި ސިޔާއަކީ އަމިއްލައަށް ގޮތް ނިންމުމުގެ އިހުތިޔާރު އޮތް ބޮޑު މީހަކަށް ވާއިރު، ކޯޓުގައި އޭނާ ތަމްސީލުކުރުމުގެ ހުއްދަދޭ ލިޔުމުގައި ސިޔާ ސޮއިކޮށްފައިވަނީ އަމިއްލަ އިހުތިޔާރުގައި ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން، ސާހިލް ދެއްކި ވާހަކަތައް އަނބުރާ ގެންގޮސް، އާންމުކޮށް މައާފަށް އެދުމަށް ނޯޓިސްގައި އަންގާފައިވެއެވެ. އަދި އެކަން ނުކޮށްފިނަމަ 10 ކްރޯޑު ރުޕީސްގެ ބަދަލެއް ހޯދަން ދައުވާކުރާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.
ކޭޓަން އަގަރްވާލް މަރާލާފައިވަނީ ޖޫން 18 ވަނަ ދުވަހު ޕޫނޭގެ ލޯހަގަޅު ފޯޓުގެ އުސްމިނަކުން ވައްޓާލައިގެންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، ކޭޓަންއާ ކައިވެނިކުރަން ބޭނުން ނުވާތީ، ސިޔާ ވަނީ އޭނާގެ ލޯބިވެރިޔާ ޗޭތަން ޗައުދަރީއާ ގުޅިގެން ކޭޓަން މަރާލުމަށް ރާވައިފައެވެ.
މި އަބުރުގެ މައްސަލަ ފެންމަތިވެފައިވާއިރު، ކޭޓަންގެ މަރުގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ޕޫނޭގެ ކޯޓަކުން މިހާރު ވަނީ ސިޔާ އާއި ޗޭތަންގެ ބަންދުގެ މުއްދަތު ޖުލައި 3 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް