ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް، ޑައިރެކްޓަރު ޖައި މެހެތާގެ އާ ފިލްމު "ޕްރަލޭ" ގެ ޝޫޓިން އަންނަ ސެޕްޓެންބަރު މަހު އޮސްޓްރޭލިއާގައި ފަށަން ތައްޔާރުވެއްޖެއެވެ. މިއީ ޕޯސްޓް-އެޕޮކަލިޕްޓިކް މާހައުލެއްގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ޒޮމްބީ ތްރިލާއެކެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ބޮޑު ބައެއް ޝޫޓުކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގައެވެ. މިހާރު އެ ގައުމުގައި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އޮސްޓްރޭލިއާ ހިޔާރުކުރީ ފިލްމަށް ބޭނުންވާ ބައިނަލްއަގުވާމީ ފެންވަރުގެ ވިޝުއަލް އިފެކްޓްސްއާއި ސްކޭލް ހާސިލުކުރުމަށެވެ. މި މަސައްކަތުގައި ބައިނަލްއަގުވާމީ ތަޖުރިބާ ހުރި ޓެކްނީޝަނުން ބައިވެރިވާނެ ކަމަށްވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

މި ފިލްމަކީ ރަންވީރުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ކަމަށްވާ "މާ ކަސަމް ފިލްމްސް" އިން އުފައްދާ ފުރަތަމަ ފިލްމެވެ. އަންދާޒާކުރެވޭ ގޮތުގައި 300 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދާ މި ފިލްމަކީ ރަންވީރުގެ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ އަގުބޮޑު އެއް ފިލްމެވެ. ފިލްމުގެ ޓީމާ ގުޅުންހުރި ފަރާތްތަކުން ބުނި ގޮތުގައި، ރަންވީރު މިހާރު ވަނީ ފިލްމަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ތައްޔާރީތައް ފަށައިފައެވެ. އަދި ފިލްމުގެ ސްކްރިޕްޓާއި ވިޝުއަލް ޑީޓެއިލިންގެ މަސައްކަތުގައި އޭނާ އަމަލީ ގޮތުން ބައިވެރިވަމުންދާ ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

މުމްބާއީއަށް ކުރިމަތިވާ ކާރިސާއެއްގެ ތެރޭގައި ސަލާމަތްވުމަށް މަސައްކަތްކުރާ ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި ރަންވީރާއެކު ލީޑު ރޯލުން ފެނިގެންދާނީ ދެކުނު އިންޑިއާގެ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ބަތަލާ ކަލްޔާނީ ޕްރިޔަދަރްޝަން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ފިލްމުގެ ކާސްޓާ ގުޅޭގޮތުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.