ރާމް ޗަރަން އާއި ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ސްޕޯޓްސް އެކްޝަން ފިލްމު "ޕެޑީ" އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް ޑިޖިޓަލްކޮށް ނެރޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ 4 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި މި ފިލްމު، ތެލިނގޫ، ތަމަޅަ، މަލަޔާޅަމް އަދި ކަންނަޑަ ބަހުން ޖުލައި 16 ގައި ސްޓްރީމްކުރަން ފަށާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، ހިންދީ ބަހުން މި ފިލްމު ނެޓްފްލިކްސްއަށް އަންނާނީ ޖުލައި 30 ހިސާބުގައި ކަމަށް ރިޕޯޓްތައްބުނެއެވެ. އެއީ ހިންދީ ފިލްމުތައް ސިނަމާގައި އަޅުވާތާ 56 ދުވަސް ފަހުން ނޫނީ އޯޓީޓީ ޕްލެޓްފޯމްތަކަށް ނުގެނެވޭ ގޮތަށް އޮންނަ އުސޫލުގެ ދަށުންނެވެ.

ބުޗީ ބާބޫ ސަނާ ޑައިރެކްޓުކޮށް، ވްރިއްދީ ސިނަމާސް އިން ޕްރޮޑިއުސްކުރި މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވެއެވެ. އެގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ފިލްމަށް 400 ކްރޯޑު ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ރާމް ޗަރަން އާއި ޖާންވީ ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ކިޔައިދެނީ އަމިއްލަ ރަށަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތްކުރާ ހުނަރުވެރި އެތުލީޓެއްގެ ވާހަކައެވެ.

ނެޓްފްލިކްސް އިން 105 ކްރޯޑު ރުޕީސްއަށް މި ފިލްމުގެ ޑިޖިޓަލް ރައިޓްސް ގަނެފައިވާކަން ކަށަވަރުވެފައިވީ ނަމަވެސް، ފިލްމު ސްޓްރީމްކުރަން ފަށާނެ ރަސްމީ ތާރީހެއް އެ ކުންފުނިން އަދި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.