ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯ މޯލްޑީވްސް)ގެ މިއަހަރު އެތުލެޓިކްސް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ކުރިއަށްދިޔަ މުބާރާތުގައި 29 އަންހެން އެތުލީޓުންނާއި 61 ފިރިހެން އެތުލީޓުންނާއެކު ޖުމުލަ، 90 އެތުލީޓުން އެކިއެކި އިވެންޓްތަކުގައި ވާދަކޮށްފައިވެއެވެ.

އެސްއޯ މޯލްޑިވްސްއިން ބުނެފައި ވަނީ މިފަހަރު އެތުލެޓިކްސް މުބާރާތުގެ އިވެންޓްތައް ކުރިއަށް ގެންގޮސްފައި ވަނީ ދެ އުމުރުފުރާ އަކަށް ބަހާލައިގެން ކަމަށެވެ. އެއީ 12 އަހަރުން ދަށާއި 12 އަހަރުން މަތީގެ އުމުރުފުރައަށެވެ. އެ އުމުރުފުރާތަކަށް ކުރިއަށް ގެންގޮސްފައި ވަނީ 50 މީޓަރު ދުވުން، 80 މީޓަރު ދުވުން، 100 މީޓަރު ދުވުމުގެ އިތުރުން 200 މީޓަރު ދުވުމާއި، 400 މީޓަރު ދުވުމުގެ އިތުރުން ސޮފްޓްބޯލް ތުރޯ، ހާޑު ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕްގެ އިވެންޓ ތަކެވެ.

މިއީ އެސްއޯ މޯލްޑީވްސް އިން އެތުލެޓިކްސް މުބާރާތް ބޭއްވި ތިންވަނަ އަހަރެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސްއޯ މޯލްޑީވްސް ވަނީ މިއަހަރު މުބާރާތުގެ ފެންވަރު މަތިކޮށް މުބާރާތުގެ ނަންވެސް "ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓިޝަން" އަށް ބަދަލުކޮށްފައެވެ.

އެ ބަދަލާ ގުޅިގެން އެސްއޯ މޯލްޑިވްސްގެ ޗެއާޕާސަން ހަސަން ރަމީޒް ވިދާޅުވީ"ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓިޝަން"، މިހެން ލިޔެފައި އޮތުމުން ގިނަ ބަޔަކު ސުވާލު އުފެއްދި ކަމަށާއި، ނަމަށް އެ ބަދަލު ގެނައީ ކުރިއަށް އޮތްތަނުގައި މުބާރާތުގެ ފެންވަރު މަތިކުރަން ވިސްނާތީ ކަމަށެވެ.

"ފަސްޓް ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓިޝަން މިހެން ލިޔެފައި އޮންނާތީ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ، ވަރަށް ކޯލް ވެސް އައި. ފާއިތުވި ދެއަހަރަށް ބަލާ، މިއަހަރުގެ މުބާރާތުގެ ފެންވަރު ހައިކޮށް މި ގެންދިޔައީ. ކުރިއަށް އޮތްތަނުގައި ނޭޝަނަލް ކޮންމެޓިޝަން ގެންދާ ފެންވަރުގައި ދެން އެސްއޯ މޯލްޑީވްސް އެތުލެޓިކްސް މުބާރާތްތައް ދާނީ. އެހެންވެ މިއަހަރުން ފެށިގެން އެ ލެވެލްގައި ގެންދާނެތީ ފަސްޓް ޖަހާފައި އެއޮތީ. މިކަން އަޅުގަނޑު ފާހަގަ ކުރަނީ ވަރަށް ބޮޑު ކާމިޔާބީއެއްގޮތުގައި. އަންނަ އަހަރުގެ އަމާޒަކީ އަތޮޅުތެރެއިން ވެސް ގިނަ ކުދިންތަކެއް ބައިވެރި ކުރުވުން. މިއަހަރު ވެސް ބައެއް ރަށްރަށުން ރިކުއެސްޓް އައި ނަމަވެސް މާލެ އައުމާ ހުރުމާ ކެއުމާ އެހެނިހެން ހަރަދުގެ ބޮޑުކަމުން އެކުދިންނަށް ބައިވެރި ނުވެވުނީ" އިބްރާހީމް ރަމީޒު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރު ފާތިމަތު މުހައްމަދުގެ އިތުރުންއެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތަފާ މުހައްމަދު އަދި އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަދީލާ ރުސްދީވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.