ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯ މޯލްޑިވްސް)ގެ ޗެއާޕާސަންގެ މަގާމަށް އިބްރާހިމް ރަމީޒް (އިއްބެ) އިންތިހާބުކޮށްފިއެވެ.
ސްޕެޝަލް އޮލިމްޕިކްސް 2019 ވަނަ އަހަރުން ފެށިގެން ހިންގަން ފެށި އިރު، މިއީ އެ އެސޯސިއޭޝަންގެ ދެވަނަ ދައުރެވެ. ފުރަތަމަ ދައުރުގައި އިއްބެ މަސައްކަތް ކުރީ އެ ޖަމިއްޔާގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައެވެ.
އެ މަގާމުގައި ހުރެ އިއްބެ ވަނީ ތަފާތު މަސައްކަތްތަކުގައި ޝާމިލުވެފައެވެ. އެގޮތުން އެތުލީޓުންނާ ގާތުން މަސައްކަތްކޮށް، އެތުލީޓުން އިތުރު ހަރުފަތަކަށް ގެންދަން ބައިނަލްއަގުވާމީ މައިދާނުގައިވެސް ހަރަކާތްތެރިވެގެން އިއްބެ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ ބާއްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އެ އެސޯސިއޭޝަނުގެ އާއްމު ޖަލްސާގައި އެސޯސިއޭޝަނުގެ 46 މެމްބަރުން ބައިވެރިވެފައިވެއެވެ.
އާއްމު ޖަލްސާގައި އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ފާތިމަތު ފައިރޫޒާ އާދަމް ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ހާސިލް ކުރެވު ކަންތައްތައް އަދި ދިމާވި ދަތިތައް އާއްމު މެމްބަރުންނާ ހިއްސާ ކޮށްފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އިންތިހާބީ ޖަލްސާގައި އެސޯސިއޭޝަނުގެ އިތުރު މަގާމުތައްވެސް ހޮވާފައިވެއެވެ. އެގޮތުން ސެކްރެޓަރީގެ މަގާމަށް އިންތިހާބުވީ ފައިރޫޒާއެވެ. ހަޒާންދާރަކަށް ސޮފްވާން ޝަމީމް ހޮވިފައިވާ އިރު، އައިޑީ އެކްސްޕާޓްގެ މަގާމަށް ހޮވުނީ އަބްދުﷲ ޝާހުއެވެ.
ފެމިލީ ރިޕްރެސެންޓޭޓިވްގެ މަގާމަށް ޝާދިޔާ ހަމީދު ހޮވުނު އިރު، އެތުލީޓުން ތަމްސީލުކުރާނެ ހާއްސަ މީހަކަށް ހޮވުނީ އިބްރާހީމް ރަބީތެވެ. އަދި އާއްމު މެމްބަރުގެ ތެރެއިން ބޯޑުގައި ތަމްސީލުކުރާނެ މެމްބަރުންނަކީ އައިމިނަތު ސިޔާނާ އަދި އަހުމަދު އަފްރާހެވެ.
މުޙައްމަދު ޝަމްޢޫން
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް