މިއަހަރު އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ކުރެވިފައިވާ އަހަރުތަކެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި ކުރެެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ އަމާޒު ވަރަށް ސާފު ކަމަށާއި މި ދެ އަހަރު ކުދި އަދި މެދު ފަންތީގެ ކޮންމެ ވިޔަފާރިވެރިއަކަށް ވެސް ކުރިއަރައިދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިގުތިސޯދެއް ބިނާކުރުމުގައި ސަރުކާރުން ދެމިތިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގެ ވަރުގަދަކަން ބިނާވެފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުން ހޯދައިދީ، ފުރުސަތުތައް ފަހިކޮށްދޭ އެތައް ހާސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމަށެވެ.

"ބައިނަލްއަގުވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހު، ވަރުގަދަ އަދި ވިލުންތެރި ދިވެހި އިގްތިސޯދެއް ބިނާކުރުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު އަޅުގަނޑުމެން ވަޒަންކުރަމެވެ." ރައީސް ވިދާޅުވެފައިވެއެވެ.

17 ޑިސެމްބަރު 2025، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ 'މޯލްޑިވްސް 2.0' ގެ ދަށުން، މާލީ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ އަދި ބައިނަލްއަގުވާމީ މާކެޓްތަކަށް އޮތް ފުރުސަތުތައް ސަރުކާރުން ފުޅާކުރަމުންދާ ކަމަށެވެ. ސަގާފީ ތަރިކަ އާއި ފަންނުވެރިންނަށް އެހީތެރިވެދޭ ސަގާފީ މަރުކަޒުތަކުން ފެށިގެން، 'ކްރިއޭޓާ ހަބް' އާއި، އެސްއެމްއީ ޑިޖިޓަލް ފައިނޭންސިން، އަދި އަލީބާބާ އާއި ޕޭޕަލް މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓްތަކަށް މަގުފަހިކޮށްދިނުމާއެކު، ކުރިއެރުމާއި ކާމިޔާބީއަށް އާ މަގުތަކެއް ކޮށައިދެމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.