މެދުއިރުމަތީގައި ގާއިމުކޮށްފައިވާ ސުލްހައިގެ އެއްބަސްވުމާ ހިލާފުވެ، އީރާނާ ގުޅުންހުރި އަމާޒުތަކަކަށް އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އިއްޔެ މި ހަމަލާތައް ދީފައިވަނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސިންގަޕޫރުގެ ވިޔަފާރި ބޯޓަކަށް އީރާނުން ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.
އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ހޮރްމުޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ ރާޑަރު ސްޓޭޝަންތަކަށާއި ގޭޝްމް ރަށުގައި ހުރި މިސައިލް އަދި ޑްރޯން ރައްކާކުރާ ގުދަންތަކަށެވެ.
ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަ މަތިންދާބޯޓަކުން ވަނީ އީރާނުގެ ހަތަރު އަމާޒަކަށް ހަމަލާދީފައެވެ. ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އީރާނުން ވިޔަފާރި ބޯޓުފަހަރަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި ހަމަލާތަކަށް ދިން ވަރުގަދަ ރައްދެއް ކަމަށެވެ. އަދި އީރާނުގެ އަމަލުތަކަކީ އޭޕްރީލް މަހު އެކުލަވާލި ސުލްހައިގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް އެމެރިކާއިން ވަނީ ސިފަކޮށްފައެވެ.
މިކަމާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، އީރާނުން ދެމުންދަނީ އަމިއްލަ ދިފާއުގައި ދޭ ހަމަލާތަކެކެވެ. އަދި އެމެރިކާއިން ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި ކޮންމެ ދުޝްމަނު އަމަލަކަށް ވަގުތުން ރައްދު ދޭނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންވެސް ވަނީ އެމެރިކާގެ ހަމަލާތަކަށް ހަރުކަށި ރައްދެއް ދޭނެ ކަމަށް ބުނެފައެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ދަތުރުކުރާ މަގަށް ވާއިރު، މި ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ އަގުތައް ދަނީ އުފުލެމުންނެވެ. މީގެ އިތުރުން، މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް ވެސް ހުރަސްއެޅިދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ އަމަލުތަކަކީ މޮޔަ ކަމެއް ކަމަށާއި އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް