އެމެރިކާޔާއި އީރާނުގެ ހަގުރާމަ ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެވަނީ އެއްބަސްވެފައެވެ. އިތުރު ހަގުރާމައެއް ހުއްޓުވުމަށްވެސް ޓްރަމްޕު ވަނީ އެއްބަސްވެފައެވެ. އެއީ ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ ހަގުރާމައެވެ. އެ ހަގުރާމަޔަކީ ސީދާގޮތެއްގައި އެމެރިކާއިން ބައިވެރިވާ ހަގުރާމައެއް ނޫނެވެ. އަދި އެއީ ސީދާގޮތެއްގައި އީރާނުންވެސް ބައިވެރިވާ ހަގުރާމައެއް ނޫނެވެ. އެހެންވިއްޔާ އެހެންބަޔަކު ކުރާ ހަގުރާމައެއް އެމެރިކާޔާއި އީރާނުގެ މެދުގައި ގާއިމުކުރެވޭ އެއްބަސްވުމަކުން ހުއްޓިދާނޭ ހެއްޔެވެ. ނުވަތަ ހުއްޓުވިދާނޭ ހެއްޔެވެ. އެކަންވިޔަސް ނުވިޔަސް ޓްރަމްޕު އެވަނީ ލުބުނާނުގެ ހަގުރާމަ ހުއްޓުވަން ޖާމިނުވެފައެވެ. އެކަން އޭނާއަށް ނުކުރެވިއްޖެނަމަ މުޅި އެއްބަސްވުން ބާތިލުވާނެއެވެ. އެހެންވީމާ ދުނިޔޭގެ އެންމެންވެސް މިހާރު ކުރަމުންދާ ސުވާލަކީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ މައިތިރިކޮށް ލުބުނާނުގެ ހަގުރާމަ ހުއްޓުވަން ޓްރަމްޕު ކުރާނީ ކޮންކަމެއްހެއްޔެވެ. ކުރެވޭނެ ކަމެއް އެބައޮތް ހެއްޔެވެ.
އެމެރިކާއަކީ އަސްކަރީގޮތުން އިޒްރޭލަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމެވެ. އެކަމަށްޓަކައި ދެގައުމުގެ މެދުގައި ވަރުގަދަ މުއާހަދާއެއް ގާއިމު ކުރެވިފައިވެއެވެ. މިއީ ކޮންމެ ދިހަ އަހަރަކުން ދިހަ އަހަރަކުން އައުކުރާ މުއާހަދާއެކެވެ. މިއީ އިޒްރޭލުގެ ދެމިއޮތުމާ ގުޅިފައިވާ އެންމެ މުހިންމު މުއާހަދާއެވެ. އެންމެފަހުން މި މުއާހަދާ އައުކުރީ 2018 ވަނަ އަހަރުއެވެ. މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުއެވެ. އޭގެކުރިން އަނެއްކާވެސް މުއާހަދާ އައުކުރާނެއެވެ. އެކަންކުރަންޖެހޭނީވެސް ޓްރަމްޕުގެ ރިޔާސީ މި ދައުރު ނިމުމުގެ ކުރިންނެވެ. މިހާރު އަމަލުކުރެވެމުންދާ އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކުވެސް އެންމެ މަދުވެގެން 3.8 ބިލިޔަން ޑޮލަރުގެ އަސްކަރީ އެހީ އިޒްރޭލަށް ފޯރުކޮށްދިނުން އެމެރިކާގެ މައްޗަށް ލާޒިމެވެ. އެއީ އެންމެ ކުޑަމިންވަރެވެ. އިމަޖެންސީ އެހީގެ ދަށުން ދެމުން އަންނަ ތަކެއްޗަށް ވަކި އަދަދެއް، ވަކި އިމެއް ނެތެވެ. މަތިވެގެންގޮސް އެތައްސަތޭކަ ބިލިޔަނަކަށްވެސް އަރައިފާނެއެވެ.
އިޒްރޭލަށް ކޮންމެ އަހަރަކުވެސް ދޭން އެމެރިކާއަށް ލާޒިމުކުރާ 3.8 ބިލިޔަން ޑޮލަރުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ހަތިޔާރާއި ދިފާއީ ނިޒާމުތަކާއި އެހެނިހެން ޚިދުމަތް ދިނުމަށް އެކަށައެޅިފައިވާ 3.3 ބިލިޔަން ޑޮލަރާއި އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތައް ތަރައްގީކޮށް އަދާހަމަކުރުމަށްޓަކައި އިތުރު 0.5 ބިލިޔަން ޑޮލަރެވެ. އިމަޖެންސީ ސަަޕްލިމެންޓަލް އެހީގެ ގޮތުގައި ދޭންޖެހޭ ވަކި އަދަދެއް ނެތެވެ. އެގޮތަށް ދެމުން އަންނަ އެހީ ވަރަށްގިނަ އަހަރުތަކުގައި ސަތޭކަ ބިލިޔަން ޑޮލަރަށްވުރެވެސް މައްޗަށް އަރައިގެންދެއެވެ. ޚާއްސަކޮށް އިޒްރޭލުން ގާޒާގަައި ޖަރީމާތައް ހިންގުން އާއްމުކުރިފަހުން އިމަޖެންސީ އެހީގެ ގޮތުގައި ދެމުންދާ ތަކެއްޗާއި ފައިސާވަނީ އެތައް ގުނައެއް އިތުރުކޮށްފައެވެ. ލުބުނާނުގައި ހިންގަމުންދާ ހަގުރާމައާ ގުޅިގެންވެސް އެއަދަދު ދަނީ މަތިވަމުންނެވެ. މިސައިލާއި ރޮކެޓާއި ވަޒަން ކަހަލަ ތަކެތިވެސް ދެނީ އެމެރިކާއިންނެވެ. ގިނަފަހަރަށް މިކަންކުރަނީ އެމެރިކާގެ ރިޔާސަތުގައި ހުންނަ މީހަކަށް ލިބިދޭ ރިޔާސީ ބާރުތަކުގެ ދަށުންނެވެ.
އެކަންކުރަނީ ކޮންމެފަހަރަކު ގާނޫނުހަދާ މަޖިލީހަށް ހުށައަޅައިގެން ފާސްކޮށްގެނަކުންވެސް ނޫނެވެ. އެހެންވީމާ ރައީސް ޓްރަމްޕަށް ކުރެވިދާނޭ ކަންކަން ބައިވަރެވެ. އިމަޖެންސީ އެހީގެ ގޮތުގައި ފޯރުކޮށްދޭ ބައިތައް އުނިކޮށްލެވިދާނެއެވެ. އެގޮތަށް އުނިކޮށްލައިފިއްޔާ ލުބުނާނުގައި ކީއްކުރަން، އެހެންތަނެއްގައިވެސް ހަގުރާމަ ކުރާނޭ ހިތްވަރާއި ހަކަތަ އިޒްރޭލުގެ ކިބަޔަކު ނުހުންނާނެއެވެ. އެކަމަކު އެހިސާބަށްދާން ޓްރަމްޕަށް ކެރިދާނެތޯ ސުވާލު އުފެދެއެވެ. ޓްރަމްޕަށް ވާގިވެރިވާން އޭނާގެ ފަހަތުގައި ތިބީ އެމެރިކާގެ ޒަޔަނިސްޓުންނެވެ. އިޒްރޭލުގެ ޒަޔަނިސްޓުންނާއި އެމެރިކާގެ ޒަޔަނިސްޓުންނަކީ އެއްފިކުރެއްގެ އެކައްޗެކެވެ. ނަތަންޔާހޫގެ ފަހަތުގައި ތިބީ އިޒްރޭލުގެ ޒަޔަނިސްޓުންނެވެ. އީރާނާއި އެމެރިކާގެ އެއްބަސްވުމަށް ފާޅުގަައި ގޮންޖަހައި ލުބުނާނުގެ ހަގުރާމަ ނިމުމަކަށް ގެންނަން ނަތަންޔާހޫ ދެކޮޅުހަދަނީ އެހެންވެއެވެ. އިޒްރޭލާ ދެކޮޅަށް އެއްވެސް ކަމެއްކުރަން ޓްރަމްޕަށް ނުކެރޭނެކަމަށް ޔަގީންކޮށްގެންނެވެ.
އެކަން ކޮށްފިއްޔާ ސިޔާސީގޮތުން ޓްރަމްޕު ނިކަމެތިވެ އެކަހެރިވާނޭ ކަމަށް ބަލައިގެންނެވެ. ކޮންމެއަކަސް ދުނިޔެ މިހާރު އެއޮތީ ޓްރަމްޕު ހަދާ އެއްޗެއް ބެލުމުގެ އިންތިޒާރުގައެވެ. އޭނާއަށް ކެރޭ މިންވަރު ދެނެގަތުމުގެ އިންތިޒާރުގައެވެ. އޭނާއަށް ކުރެވޭނެ ކަންތައް ހުއްޓެއް ކަމަކު އެއިން އެއްވެސް ކަމެއް ކުރުމުގެ ހިތްވަރާއި ކެރުން ހުރިތޯ ދެނެގަތުމުގެ އިންތިޒާރުގައެވެ. އެކަންކަން ދެން މާގިނަދުވަސްތަކެއްނުވެ އެނގިދާނެއެވެ. ލުބުނާނުގެ ހަގުރާމަ ހުއްޓާލުމުގެ ބަދަލުގައި ނަތަންޔާހޫ އެގެންދަނީ ހަގުރާމަ ވަރުގަދަކުރަމުން ފުޅާކުރަމުންނެވެ. ނަތަންޔާހޫއާއި އޭނާގެ އެތެރޭގެ ސަލާމަތާބެހޭ ވަޒީރު ބެންގަވީރު އަޑަށް ބާރުލާފައި އެބުނަނީ ލުބުނާނު ދޫކޮށްނުލާނެ ވާހަކަޔާއި ލުބުނާނުން ނުފައިބާނެ ވާހަކައެވެ. ހަގުރާމަ ހުއްޓާނުލާނެ ވާހަކައެވެ. ކޮންމެއަކަސް ޓްރަމްޕަކީ ޓްރަމްޕެވެ. އެއީ ގޮތްއެގޭ މީހެއްވެސް ނޫނެވެ. ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. މިހާރުވެސް ނަތަންޔާހޫއާއި ޓްރަމްޕާ ދެމެދު އެކަކު އަނެކަކަށް ކަލަގޮވުމުގެ ބުރެއް ވަނީ ފެށިފައެވެ.
ލުބުނާނުގެ ހަގުރާމަ ނުހުއްޓި ކުރިއަށްދާއިރު ސުލްހަ ގެނެވޭނެ މަގެއް ފެނޭތޯ ލުބުނާނާއި އިޒްރޭލުގެ މެދުގައި ފަސްވަނަ ބުރެއްގެ ވާހަކަތައް އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި އަންގާރަ ދުވަހު ވަނީ ފެށިފައެވެ. އެމެރިކާގެ ބާރުއެޅުމުގެ މަތިން މި މަޝްވަރާތައް ކުރިއަށްދަނީވެސް އެމެރިކާގެ ޚާރިޖިއްޔާގައެވެ. ނަތަންޔާހޫގެ ނިޔަތްހުރި ގޮތާމެދު ވިސްނާއިރު މި ވާހަކަތަކުން ނަތީޖާއެއް ނެރެވުން ވަރަށް ދުރެވެ. އޭނާގެ ވިސްނުމަކީ ލުބުނާނަށްދޭ ހަމަލަތައް ވަރުގަދަ ކުރުމެވެ. އެންމެފަހުން ކެތްނުކުރެވިގެން އީރާނުންވެސް އިޒްރޭލަށް ހަމަލަ ދޭނެކަމަށް ބަލައިގެންނެވެ. އޭރުން ދެން އެމެރިކާ މިހަގުރާމަޔަށް ވައްދައި ދެބައިމީހުން ވެގެން އަނެއްކާވެސް އީރާނު ފުނޑާލަން ފުރުސަތު ފަހިވެދާނޭ ކަމުގެ އުންމީދުގައެވެ. އެކަމަކު އެއީވެސް ކައިރިކަމެއް ނޫނެވެ. އީރާނުގެ ބްލޮކޭޑް އެމެރިކާއިން އުވާލައިފިއެވެ. ހިފެހެއްޓިފައިވާ ފައިސާގެ ތެރެއިން ބައެއްވެސް ދޫކޮށްފިއެވެ. އެހެންވީމާ އަލުން ހަގުރާމަ ފެށޭނެ ހާލަތެއް މެދުވެރިކުރާކަށް އީރާނުވެސް މިވަގުތު ބޭނުންވާނޭ ކަމަށް ނުފެނެއެވެ.
އިމާދު ލަތީފު
ހއ. ކެލާ
ބޭރު ކުޅިވަރު
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް