އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހަމަލާތައް މެދުކަނޑާލުމަށް އިއުލާނުކުރިތާ އެއް ދުވަސް ފަހުން، ލުބުނާނުގެ ދެކުނުގައި އޮންނަ ނަބަތިއްޔާ ސަރަހައްދަށް އިސްރާއީލުން މިއަދު ދިން ވައިގެ ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެއެވެ.

ލުބުނާނުގެ ސިވިލް ޑިފެންސް އޭޖެންސީއާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި މަރުވި 16 މީހެއްގެ ހަށިގަނޑާއި، ޒަހަމްވި 12 މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ އިދާރާގެ މުވައްޒަފުން ވަނީ އެ ސަރަހައްދުން 47 މީހަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްދީފައެވެ. ސިވިލް ޑިފެންސުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ އިދާރާގެ މީހުން އަންނަނީ ފަތިހުން ފެށިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، ލުބުނާނުގެ ދެކުނަށް ހަމަލާދެމުންދަނީ ރޭގަނޑުގެ ވަގުތެއްގައި ހިޒްބުﷲ އިން އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް 50 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލުމާ ގުޅިގެން ކަމަށެވެ. ނަމަވެސް، މި ހަމަލާތައް ބަދަލުކުރަން ފަށާފައިވަނީ ދެ ފަރާތުން ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެފައިވާކަން އެމެރިކާގެ އޮފިޝަލުން އިއުލާނުކޮށްފައި ވަނިކޮށެވެ. އެމެރިކާއާއި ގަތަރު މެދުވެރިވެގެން ގެނައި މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު އިސްރާއީލުން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ނަބަތިއްޔާގެ އިތުރުން ސައިދާ، ސޫރު އަދި ހުޅަނގު ބެކާ ސަރަހައްދުގެ އެކި އަވަށްތަކަށެވެ. މީގެ ކުރިން އިއްޔެ އިސްރާއީލުން ދިން ހަމަލާތަކުގައި 47 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ލުބުނާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ކަފަރް ރޫމާން އަދި ނަބަތިއްޔާ ގުޅޭ މަގުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ލުބުނާނުގެ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. ލުބުނާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގެ ބޭނުމަކީ ލުބުނާނުގައި ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމެވެ.