ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލާއަށާއި ސިފައިންނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސްގެ އެކްސް ޕޯސްޓުގައި މިއަދު ވިދާޅުވީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާން (ސނ: 5536)، މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވި ހަބަރު އެހީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށެވެ.

ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާނަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި 21 އަހަރާއި ހަތް މަހާއި ސޯޅަ ދުވަހު އިހުލާސްތެރިކަމާއެކު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

"މި ފުން ހިތާމައިގެ ވަގުތުގައި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން އަބްދުއްރަހުމާނުގެ ލޮބުވެތި އާއިލާއަށާއި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެންމެހައި ސިފައިންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ. މާތްﷲ، ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާނުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި ލޮބުވެތި އާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ." ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވެއެވެ.