އިންސާނުންގެ ގުނަވަން ބަދަލުކުރުމާ ގުޅޭ ބިލު ތަސްދީގު ނުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިލައްވައިފައެވެ.
މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ބިލެކެވެ.
ތަސްދީގު ނުކުރައްވައި ބިލް މަޖިލީހަށް ފޮނުއްވައިލެއްވީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުއެވެ.
އެއާއެކު ރައްޔިތުންގެ މަޖިލީހުން އެބިލަށް ގެނައި އިސްލާހުތަކުގެ ތެރެއިން، ބިލް ތަސްދީގު ނުކުރެއްވި ސަބަބުތަކުގައި ހުރި ކަންބޮޑުވުންތައްވެސް އެމަނިކުފާނު ވަނީ މަޖިލީހާ ހިއްސާ ކުރައްވައިފައެވެ.
ބިލު ތަސްދީގު ކުރެއްވުމާ ބެހޭގޮތުން ބަންޑާރަ ނައިބު ދެއްވި ލަފާފުޅަށް ރިއާޔަތްކުރައްވައި، އެ ބިލާ މެދު މަޖިލީހުގެ މެންބަރުން އަލުން ވިސްނާ ވަޑައިގެންދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ގިނަކަންތައްތަކެއް ވަނީ ފާހަގަ ކުރައްވައިފައެވެ.
އެމަނިކުފާނުގެ އެއް ކަންބޮޑުވުމަކީ މި ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން، އެ ގާނޫނުގައި ބަޔާންކުރާ ކައުންސިލްގެ ލަފާގެ މަތިން ގަވާއިދުތައް ހަދައި އަމަލުކުރަން ފަށަން އޮތުމެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ފޮނުވި އިރު، ގުނަވަން ހަދިޔާ ކުރެވޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ވެގެންނުވާނެ ކަމަށާއި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެންނުވާނެ ކަމަށް ހިމަނާފައިވާ ދެ ޝަތުރު ބިލް ފާސްކުރި އިރު މަޖިލީހުން އުނިކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.
ރައީސް ވިދާޅުވެފައި ވަނީ ސަރުކާރުން މި ބިލު ހުށަހެޅި އިރު އެ ދެ ޝަރުތު ހިމަނާފައި ވާނީ، މަޖުބޫރުކަމެއް ނެތި ރުހުމާއެކު ގުނަވަން ހަދިޔާ ކުރުމުގެ ޝަރުތަކީ ދިމިކްރާތީ މުޖުތަމައު ތަކުގައިވެސް ގުނަވަން ހަދިޔާ ކުރުމުގެ މައިގަނޑު ޝަރުތެއް ކަމަށް ވެފައި، އެ ޝަރުތު އެންމެ ފުޅާ މިނުގައި ތަންފީޒު ކުރުމަށް ކަމަށެވެ.
އަދި ބަންދުގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ، ހާއްސަ ހާލަތެއްގައި ތިބޭ ބަޔަކަށްވާ އިރު، އެ މީހުންނަކީ ފުރިހަމަ ރުހުމާ އެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަން ހަދިޔާ ކުރުންފަދަ ކަމަކަަށް ރުހުން ދެވިދާނެ ބައެއް ކަމަށް ނުފެނާތީއެވެ.
ބަންދުގައި ތިބޭ މީހުންނަށް ނުވަތަ ގައިދީންނަށް ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ މަދު ގައުުމުތަކުގައި ވެސް އެކަން ކުރަމުންދަނީ އާއްމު ހާލަތުގައި ބަލައި ކަށަވަރު ކުރަންޖެހޭ ކަންކަމުގެ އިތުރުން، އިތުރު ގިނަ ކަންކަން ފުރިހަމަވޭތޯ ބަލައި ކަށަވަރު ކުރުމަށްފަހުގައިކަން ފާހަގަ ކުރެވޭތީ އެފަދަ ފަރާތްތަކަށް ގުނަވަން ހަދިޔާ ކުރުމާ ބެހޭ އިތުރު އުސޫލުތަކެއް އަދި އިޖުރާއަތްތަކެއް ގާނޫނުގައި ކަނޑައެޅުމެއް ނެތި އެ ފުރުސަތު ދިނުމަކީ ގާނޫނު ތަންފީޒު ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވެދާނެ ކަމެއްކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.
މީހެއްގެ ރުހުމާ ނުލައ،ި ޓްރާންސްޕްލާންޓް ކުރުމަށްޓަކައި އެމީހެއްގެ ހަށިގަނޑުން ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ނެގުމަކީ ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ޓްރާންސްޕްލާންޓް ކުރުމަކީ، ކުށެއް ކަމަށް ބިލުގެ 66 ވަނަ މާއްދާގައި ކަނޑައަޅައި، އެކުށް ކޮށްފި މީހެއްގެ އަދަބަކީ، 150،000 ރުފިޔާ އާއި 250،000 ރުފިޔައާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު 12 މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް އެ މާއްދާގެ (ރ) ގައި ވާނީ ހިމަނައިފައެވެ.
ނަމަވެސް އެ ކުށުގެ އަދަބަކީ ގިސާސް ހިފުން ނުވަތަ އެ ގުނަވަނަކަަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ދިޔައެއް އެމީހަކަށް ހޯދައިދިނުމާ އެކު 250،000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު 18 މަސް ދުވަހާއި 24 މަސް ދުވަހާ ދެމެދުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބަށް މަޖިލީހުން ބަދަލުކޮށް އެ އަކުރު އިސްލާހު ކޮށްފައިވާކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.
ރައީސް ވިދާޅުވެފައި ވަނީ ބިލުގެ 66 ވަނަ މާއްދާގައި ބަޔާންކުރާ ކުށަކީ ތަފާތު ތިން ކަމެއް ނުވަތަ ތިން އަމަލެއް ހިމެނޭގޮތަށް ކަނއަޅާފައިވާ ކުށެއް ކަމަށެވެ. އޭގެން ކޮންމެ ކަމަކީ ނުވަތަ އަމަލަކީ އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުމަށް ޝަރުތު ފުރިހަމަ ނުވެދާނެ ކަމަކަށް ވެދާނެތީ، އެ މާއްދާގައި ބަޔާންކުރާ ކުށުގެ އަމަލުގެ މައްޗަށް ހިނގާނެ އަދަަބުގެ ސާފު ދާއިރާއެއް ކަނޑައެޅުމެއްނެތި މިހާރު ބިލުގައި ހިމަނާފައިވާ އަދަބު ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވާނެ ކަމަށެވެ. އަދި އެގޮތަށް އެ އަދަބު ތަންފީޒު ކުރުމަކީ އިސްލާމީ ޝަރީއަތުގައި ގިސާސްގެ އަދަބު ކަނޑައަޅާފައިވާ އުސޫކުތަކުގެ ބޭރުން، އެ ކުށް ކުރާ ފަރާތްތަކުގެ މައްޗަށް އެ އަދަބު ތަންފީޒު ކުރެވިގެން ދިއުމުގެ އިހުތިމާލު އޮތް ކަމެއް ކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.
މީގެ އިތުރުން ބިލް މަޖިލީހަށް ފޮނުވި އިރު، މި ގާނޫނުގެ ދަަށުން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 ދުވަހުގެ ތެރޭގައި ހަދައި، ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަަމަށް ބިލުގެ 76 ވަނަ މާއްދާގެ (ށ)ގައި ސަރުކާރުން ހިމަނާފައިވާކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.
ނަމަވެސް ގާނޫނު ފާސްވެ، ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން، 180 ދުވަހުގެ ތެރޭގައި، ގަވާއިދުތައް ހަދައި ޝާއިއު ކުރަން ޖެހޭ ގޮތަށް މަޖިލީހުން އެ މާއްދާ އިސްލާހު ކޮށްފައިވާ އިރު، ބިލުގައިވާ ގޮތުން މި ގާނޫނަށް އަމަލުކުރަން ފަށަނީ ވެސް ގާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
ނަމަވެސް މި ގާނޫނުގެ ދަށުން މިނިސްޓްރީ ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތްތަކާއި ގައިޑްލައިންތައް ހެދުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި އެކަންކަން މުރާޖައާ ކުރުމަށް ލަފާ ދިނުމަކީ މި ގާނޫނުން އުފައްދާ އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
އެހެންކަމުން އެކަންކަން ކުރެވޭނި ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު، އެ ކައުންސިލް އުފައްދައިގެންކަން ރައީސް ފާހަގަ ކުރައްވާފައިވެއެވެ.
"އެހެންކަމުން ބިލްގެ 76 ވަނަ މާއްދާގެ (ށ)އަށް ގެނަސްފައިވާ އިސްލާހުގެ ނަތީޖާއަކީ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަަދައި އަމަލުކުރުންކަންވެސް ފާހަގަކުރެވޭ،"
އެހެންކަމުން ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ގާނޫނުގައި ބަޔާންކުރާ ކައުންސިލްގެ ލަފާގެ މަތިން ގަވާއިދުތައް ހަދައި އަމަލު ކުރަން ފެށިދާނެ ކަމަށް ފެނިވަޑައިނުގަންނަވާކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް