ދާއިމީކޮށް ލޭ ހަދިޔާކުރާ ފަރާތްތަކުގެ ހާއްސަ ޑިޖިޓަލް ދަފުތަރެއް މި އަހަރު ތެރޭގައި ތައާރަފު ކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ޖޫން 14 ވަނަ ދުވަހަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ ދަރުމަވެރިންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ފާހަގަކުރަމުން އަންނަ ދުވަހެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ ފަރާތްތައް ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ، ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ހާއްސަ ދަފުތަރެއް ޑިޖިޓަލައިޒް ކުރެވި މި އަހަރު ތެރޭގައި ތައާރަފު ކުރެވިގެންދާނެ ކަމަށެވެ.

މި ނިޒާމުގެ ސަބަބުން ލޭ ހޯދުމަށް ބޭނުންވާ ފަރާތްތަކަށާއި ލޭ ހަދިޔާކުރާ ދީލަތި ފަރާތްތަކަށް، ނުހަނު ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިދުމަތްތައް ލުއި ފަސޭހަކޮށް، ޑިޖިޓަލް މެދުވެރިކޮށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ވަންގަވް މެދުވެރިކޮށް ތެލެސީމިޔާ ކުދިންގެ ރަޖިސްޓްރީގެ ނިޒާމު މިހާރުވަނީ ގާއިމް ކޮށްފައި. އެގޮތުން ވަންގަވް މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރަމުންގެންދާ މީހުންގެ ދުވަސް ފާހަގަކުރަމުން ގެންދާއިރު، ހަދިޔާކުރާ ކޮންމެ ލޭ ތިއްކަކީ، އަގު ނުކުރެވޭ ފަދަ މުހިންމެ އެއްޗެއްކަން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ކަމަށާއި އެކިއެކި ބަލިތައް ތަހައްމަލް ކުރަމުންގެންދާ ފަރާތްތަކަށާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ފަރާތްތަކަށާއި އަދި ތެލެސީމިޔާ ކުދިންނަށް ލޭ ހަދިޔާ ކުރުމަކީ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އަލަށް ލޭ ހަދީޔާކުރާ ކޮންމެ މީހަކީ ގައުމުގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމާ އެކު ދެމެހެއްޓުމަށް ލިބިދޭ ނުހަނު ބޮޑު ބާރެއް ކަމަށެވެ.

ނަމަވެސް، ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު މިހާތަނަށް ވެސް ހަތަރު ތެލެސިމީޔާ ކުދިން އުފަންވެފައިވާ ކަމަށާއި އެއީ އެންމެން ނުހަނު ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމާއި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރު އެޅުމުގެ ގޮތުން ކައުންސިލިންގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަކީ މާލެ ސިޓީޒް އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މައިގަނޑު އެއް ލަނޑުދަނޑި ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

"އެގޮތުން ކައިވެނީގެ ކުރިން ދެވޭ ކައުންސިލިން ހިމެނޭހެން. ތެލެސީމިޔާ ކޮންޓްރޯލް ކުރުމަށް ދެވޭ މުހިންމު މައުލޫމާތާއި، އިރުޝާދު ފޯރުކޮށްދިނުމުގައި ހާއްސަ ނިޒާމެއް މި އަހަރުތެރޭގައި ތައާރަފްކުރާނެ." މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވިއެވެ.