ކުރީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި އަނބުރާ ހޯދުމުގެ މަސައްކަތަކީ ދައުލަތުން ބޮޑު ހަރަދެއް ކުރަންޖެހޭނެކަމެއް ނަމަވެސް، އެއީ ގައުމުގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާ ހިސާބަށް މީގެ ކުރިން ކަންކަން ގޮސްފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަޝްވަރާއެއް ނެތި، ގާނޫނުތަކާ ހިލާފަށް ސިޓީއަކުން ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއް ދޫކޮށްލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ގެންގުޅުނީ "ފަނާކުރަނިވި ސިޔާސަތެއް" ކަމަށާއި، ނަމަވެސް މިހާރުގެ "ބިނާކުރަނިވި ސިޔާސަތުގެ" ދަށުން އެ ސިޓީ އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި މިހާރު ސަރުކާރުން ރަސްމީކޮށް ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންނަމަވެސް އިންޓަނޭޝަނަލް މިންގަނޑުތައް ހުންނަ ގޮތުން އަޅުގަނޑުމެން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭ. އެ މަސައްކަތް އެބަހިނގާ. ރަސްމީކޮށް އެބައި ސަރުކާރުން މިދަނީ ރަސްމީކޮށް ހިމެނުމަށް ކުރަންޖެހޭ މަސައްކަތްކުރަމުން. ހަރަދު ބޮޑު މަސައްކަތެއް، ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިން އެ ސަރަހައްދު ހޯދުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކުރީ ސަރުކާރުން ރައްޔިތުންގެ އެތައް މިލިއަން ފައިސާއެއް ހަރަދުކޮށްގެން އެތަން ދޫކޮށްލި ނަމަވެސް، މި ސަރުކާރުން އިސްކަންދޭނީ އެ ފައިސާ ހަރަދުކޮށްގެންވެސް ދިވެހިންގެ ކަނޑު އަނބުރާ ހޯދުމަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް