އާއްމު ސިއްހަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރާ އިރު، އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ ބައިވެރިވުން ފާހަގަކުރަން ޖެހެނީ، އެފަދަ މީހުންގެ ސަބަބުން އެތައް ފުރާނަތަކެއް ސަލާމަތް ކުރެވޭތީ ކަމަށެވެ.

އެ ފަރާތްތަކުގެ ދީލަތި އަމަލުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭ އަޅަންޖެހޭ ބަލި މީހުންނަށް، އެ ބޭނުންވާ ފަރުވާ ވަގުތުން ހޯދައިދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ލެޔަކީ ޓެކްނޮލޮޖީ އާއި ބޭސްވެރިކަމަށް އަންނަ ޒަމާނީ ބަދަލުތަކާއެކު ވެސް އޭގެ އިތުރުގޮތެއް ނެތް ކޮންމެހެން ބޭނުންވާ މުހިންމު ވަސީލަތެއް. އެހެންކަމުން އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް. މީގެ ސަބަބުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި ފުރިހަމަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އެހީތެރިވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ލޭ ހަދިޔާކުރެވޭނެ މީހުންނަކީ:

  • އުމުރުން 18 އަހަރު ވެފައިވާ މީހުންގެ ތެރެއިން 45 ކިލޯ އަށް ވުރެ ބަރު މީހުން
  • ލޭ ހަދިޔާކުރާ މީހާގެ ހިމަގްލޮބިން އެންމެ ދަށްވެގެން ވެސް 12.5g/dL ގައި ހުރުން
  • މާބަނޑު މީހުންނާއި ގާތުންދޭ އަންހެނުންނަށް ލޭ ހަދިޔާ ނުކުރެވޭނެ
  • އެއިޑްސް އާއި ހެޕަޓައިޓިސް ފަދަ ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުންނަށް ލޭ ހަދިޔާ ނުކުރެވޭނެ
  • ލޭ ދެވޭނީ ކޮންމެ ތިން މަހަކުން
  • ލޭ ހަދިޔާކުރަން ދާއިރު މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކުރަންޖެހޭ
  • ލޭ ހަދިޔާކުރަން ދިއުމުގެ އެއްގަޑިއިރު ކުރިން ކާން ޖެހޭ