ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާ ސްޕައި ޔުނިވާސްގެ ފުރަތަމަ އަންހެން ލީޑު ފިލްމު "އަލްފާ" ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ. ޔޫޓިއުބް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އާންމުކުރި މި ޓްރެއިލަރ އިން ފެނިގެންދަނީ ބަތަލާ އާލިއާ ބަޓް، ނުރައްކާތެރި އެސާސިނެއްގެ ގޮތުގައެވެ.

މި ޓްރެއިލާގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ ފިލްމުގެ ވަރުގަދަ އެކްޝަން މަންޒަރުތަކާއި ފެންވަރު ރަނގަޅު ސްޓަންޓްތަކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ އާލިއާ ކުޅޭ ކެރެކްޓަރ ކަމަށްވާ ސީތާގެ މައްޗަށެވެ. ޓްރެއިލާ ފެށިގެން އަންނަނީ ސީތާގެ 18 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބައްޕަ ދޭ ހަދިޔާއެއްގެ ގޮތުގައި އޭނާގެ ފުރަތަމަ މިޝަން ހަވާލުކުރާ މަންޒަރުންނެވެ. އޭނާގެ ބައްޕަ (ބޮބީ ޑިއޯލް) ގެ ފަރާތުން ކުޑައިރުއްސުރެ ހޯދާފައިވާ އަސްކަރީ ތަމްރީނުތަކާއި، އިންޑިއާގެ ސިފައިންގެ ޖީލެއް ބިނާކުރުމަށް ހިންގާ ސިއްރު ޕްރޮގްރާމް 'އަލްފާ' ގެ ތެރެއިން އޭނާ ކުރާ މަސައްކަތްތައް ޓްރެއިލަރ އިން ދައްކުވައިދެއެވެ.

https://youtu.be/0d4nirTymmg?si=EgNY9JkxKWXj_OwY

ވައިއާރްއެފް އިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ޑައިރެކްޓަރު ޝިވް ރަވައިލްގެ މި ފިލްމަކީ އަންހެނުން އިސްކޮށް ތިބެގެން އުފައްދާފައިވާ، މީގެ ކުރިން ނުފެންނަ ފަދަ ތަފާތު އެކްޝަން ފިލްމެކެވެ. އަދި މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފުރިހަމަ މުނިފޫހިފިލުވުމެއް ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. ފިލްމުގެ ޕްރޮމޯޝަނަލް ކެމްޕެއިން ފަރުމާކޮށްފައިވަނީ ޒުވާނުންނާ ގުޅޭ ގޮތަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ފިލްމީ ދާއިރާގެ ތަޖުރިބާކާރުންނާ ހަވާލާދީ ދަ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ވައިއާރްއެފް ސްޕައި ޔުނިވާސްއަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ނެރޭ ފިލްމެކެވެ. ސަބަބަކީ އެ ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު "ވޯ 2" އަށް ބޮކްސް އޮފީހުގައި އެކަށީގެންވާ ކާމިޔާބީއެއް ލިބިފައި ނުވުމުން، އަލުން މަގުބޫލުކަން ހޯދުމުގެ ޒިންމާ މި ފިލްމުގެ މައްޗަށް އޮތުމެވެ. ޝަރްވަރީ އާއި އަނިލް ކަޕޫރު ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަމަހު 3 ވަނަ ދުވަހުއެވެ.