ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންގެ އެންމެ ދޮށީ ދަރިކަނބަލުން ޕްރިންސެސް ބަޖްރަކިޓިޔާބާ އުމުރުފުޅުން 47 އަހަރުގައި އަވަހާރަވެއްޖެއެވެ. ތައިލެންޑުގެ ރޯޔަލް ހައުސްހޯލްޑް ބިއުރޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ކަމަނާ އަވަހާރަވީ ރޭ 7:48 ހާއިރު ބެންކޮކްގެ ކިންގް ޗުލަލޮންގްކޯން މެމޯރިއަލް ހޮސްޕިޓަލުގައެވެ.
ޕްރިންސެސް ބަޖްރަކިޓިޔާބާ ހޮސްޕިޓަލުގައި އެޑްމިޓުކުރެވުނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކުއްތާތަކެއް ތަމްރީނުކުރައްވަން އުޅުއްވަނިކޮށް ހިތުގެ މައްސަލައެއް ދިމާވެ ހޭނެތިގެން ވެއްޓިވަޑައިގަތުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ ކަމަނާ އޮންނެވީ ކޯމާއެއްގައެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ ކަމަނާގެ ހާލުކޮޅު ދަށްވަމުން ދިޔައީ އެތެރެހަށީގެ ގުނަވަންތަކަށް ޖެހުނު އިންފެކްޝަންތަކެއްގެ ސަބަބުންނެވެ. އަދި ފަހަކަށް އައިސް ހާލުކޮޅު އިތުރަށް ގޯސްވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމެރިކާގެ ކޯނެލް ޔުނިވާސިޓީން ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި ޕްރިންސެސް ބަޖްރަކިޓިޔާބާއަކީ ތައިލެންޑުގެ ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ރޯޔަލް ސެކިއުރިޓީ ކޮމާންޑުގެ އިސް މަގާމުތައް ހިމެނެއެވެ.
ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އެ ކަމަނާ އަވަހާރަވުމާ ގުޅިގެން ތައިލެންޑުގެ ރަސްކަމުގެ ތަހުތާ ދެން ހަވާލުވާނެ ބޭފުޅަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. އުމުރުފުޅުން 73 އަހަރުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންގެ ހަތް ބޭފުޅުން ތިއްބެވި ނަމަވެސް، ރަސްމީކޮށް ވަލީއަހުދަކު ކަނޑައަޅުއްވާފައެއް ނުވެއެވެ. ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ޕްރިންސެސް ބަޖްރަކިޓިޔާބާ ރަސްކަމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ. ނުވަތަ އެންމެ ހަގު ފިރިހެން ދަރިކަލުން ޕްރިންސް ދިޕަންގްކޯން ރަސްމިޖޯޓީއަށް ރަސްކަން ލިބިވަޑައިގަންނަވާއިރު، ރީޖެންޓެއްގެ ގޮތުގައި ހުންނަވާނީ ޕްރިންސެސް ބަޖްރަކިޓިޔާބާ ކަމަށްވެސް ބެލެވިފައިވެއެވެ.
ޕްރިންސެސް ބަޖްރަކިޓިޔާބާގެ ޖަނާޒާގެ ކަންކަން ތައިލެންޑުގެ ރަސްކަމުގެ އާދަކާދަތަކާ އެއްގޮތަށް އެންމެ މަތީ ދަރަޖައިގައި ކުރިއަށްގެންދިއުމަށް ރަސްގެފާނު ވަނީ އަންގަވާފައެވެ. އަދި އެ ކަމަނާގެ ހަށިކޮޅު ބޭއްވުމަށް ހަމަޖެހިފައިވަނީ ގްރޭންޑް ޕެލަސްގެ ޕިމާން ރައްޓަޔާ ތްރޯން ހޯލުގައެވެ.
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ތައިލެންޑް