އޮމާންގެ އައްސޭރިފަށާ ކައިރިން ދަތުރުކުރަމުންދިޔަ ވިޔަފާރި ބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއަކާ ގުޅިގެން ގެއްލުނު އިންޑިއާގެ ތިން ފަޅުވެރިން ހޯދުމުގެ މަސައްކަތް އޮމާންގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފަށައިފިއެވެ.
"ސެޓެބެލޯ" ނަމަކަށް ކިޔާ މި ބޯޓަށް ހަމަލާދީފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ޕަލާއު ދިދައިގެ ދަށުން ދަތުރުކުރަމުންދިޔަ މި ބޯޓުގެ އިންޖީނު ރޫމަށް އަމާޒުކޮށް ހަމަލާދިނީ، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް އީރާނުން ތެޔޮ އުފުލަން މަސައްކަތް ކުރުމުންނެވެ. އަދި އެމެރިކާގެ ސިފައިންގެ އެންގުންތަކަށް ބޯޓުގެ ފަޅުވެރިން ތަކުރާރުކޮށް ތަބާނުވުމުން ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން ބޯޓުގައި އަލިފާން ރޯވެފައިވާ އިރު، އޮމާންގެ ނޭވީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ގެއްލިފައިވާ ތިން މީހުން ހޯދުމުގެ އޮޕަރޭޝަން އޮމާންގެ ކަނޑުގެ ސިފައިން އަންނަނީ އަދިވެސް ކުރިއަށް ގެންދަމުންނެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޓުގައި ތިބި 24 އިންޑިއާ މީހުންގެ ތެރެއިން 21 މީހަކު މިހާތަނަށް ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތް އޮމާންގައި ހުންނަ އިންޑިއާގެ އެމްބަސީން އޮމާންގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، އިންޑިއާ ސަރުކާރުން ވަނީ މި ހަމަލާ ކުށްވެރިކޮށް، އެމެރިކާގެ ޑެޕިއުޓީ ޗީފް އޮފް މިޝަން ޖޭސަން މީކްސް ހާޒިރުކޮށް ނުރުހުން ފާޅުކޮށްފައެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވައި، ކަނޑުމަތީގެ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.
އީރާނާ ގުޅުން ހުރި ބޯޓުފަހަރަށް އަމާޒުކޮށް އެމެރިކާއިން މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން، މިއީ އެމެރިކާގެ ސިފައިން ހަމަލާދީ ހުއްޓުވި އަށް ވަނަ ބޯޓެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ