އީރާނުގެ އަސްކަރިއްޔާއަށް ހަތިޔާރު ހޯދުމަށް އެހީތެރިވާ ކަމަށް ތުހުމަތުކޮށް، އީރާނާ ގުޅުންހުރި ހަ މީހަކާއި ހަތަރު ކުންފުންޏަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު މިއަދު އަޅައިފިއެވެ.
އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އަލަށް ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި ޗައިނާއާއި ހޮންގްކޮންގަށް ނިސްބަތްވާ ކުންފުނިތައް ވެސް ހިމެނެއެވެ.
މި ފިޔަވަޅުތަކަކީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ "އިކޮނޮމިކް ފިއުރީ" ނުވަތަ އިގުތިސާދީ ގޮތުން އެންމެ މަތީ ދަރަޖައަށް ފިއްތުންތައް ކުރިމަތިކުރުމުގެ ސިޔާސަތުގެ ދަށުން އެޅި ފިޔަވަޅުތަކެއް ކަމަށް އެ ޑިޕާޓްމަންޓުން ފާހަގަކުރިއެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ އީރާނުގެ އަސްކަރިއްޔާއަށް ހަތިޔާރު ހޯދުމަށް އެހީތެރިވެދޭ ބޭރުގެ ނެޓްވޯކްތައް ހުއްޓުވުމެވެ. “ޓްރެޝަރީން ވަނީ އީރާނުގެ ސަރުކާރުގެ މުދާތައް ހިފަހައްޓައި، އެ ގައުމުގެ އިގުތިސާދަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށް، އީރާނުގެ ހަނގުރާމައިގެ މެޝިން ރޫޅާލާފައި،” ބެސެންޓް ވިދާޅުވިއެވެ. އަދި އީރާނުގެ އަސްކަރިއްޔާއަށް އެއްވެސް ފަރާތަކުން އެހީތެރިވުމަކީ އެމެރިކާއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ އިންޒާރުދެއްވިއެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި މިވަނީ އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އީރާނުގެ ކަރަންޓު އުފައްދާ ކާރުހާނާތަކަށާއި ބްރިޖުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ދާދި ފަހުން ވަނީ ދެއްވާފައެވެ. ނަމަވެސް، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިޔާން ވަނީ އެމެރިކާގެ އެއްވެސް ފިއްތުމަކަށް ނުވަތަ އިންޒާރަކަށް އީރާނުން ދޫނުދޭނެ ކަމަށް ވިދާޅުވެފައެވެ.
ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅަމުންދާ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، އީރާނަށް ލިބޭ އާމްދަނީ މަދުކޮށް، އެ ގައުމުން ހަތިޔާރު ގަތުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް ޒަމާނުއްސުރެ އެމެރިކާއިން ގެންގުޅޭ މައިގަނޑު އެއް ހަތިޔާރެވެ. މި ފިޔަވަޅުތަކާއެކު، އީރާނަށް ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ތެރެއިން މުއާމަލާތްކުރުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ