ވޯލްޑް ކަޕާއި އިޓަލީއަކީ ފާޑެއްގެ ގުޅުމަކަށް ވެއްޖެއެވެ. އަހަރުތަކެއް ކުރީން އެއީ ހިތާ ހިތުގެ ގުޅުމެކެވެ. ފަހަކަށް އައިސް އެއީ ފާޑަކަށް ރޫޅިފައި އޮތް ލޯތްބެއް ކަހަލައެވެ. ނޫނީ ހަނދާންތަކެކެވެ. މިހާރު އެ މަންޒަރުގައި ކުލައެއް ނެތެވެ. ހަތަރު ތަރީގެ ޝަރަފެއް ނަމަވެސް، އިޓަލީއަކީ މިހާރު ވޯލްޑް ކަޕް ނަމެއް ނޫނޭ ބުނެވިދާނެއެވެ. ނުފެންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެކަމަކު ބްރެޒިލް ނަގާފައި އެންމެ ގިނައިން ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުތަކުގެ ތެރޭގައި އިޓަލީ ހިމެނެއެވެ.

ޔޫރޯ ދެފަހަރަށް ކާމިޔާބުކޮށްފައިވެއެވެ. އިޓަލީ ލީގަކީ ދުވަސްތަކެއް ކުރީން އެންމެ ބާރުގަދަ ލީގެވެ. ޒުވާން ތަރިން އުފެދުނު ގައުމެކެވެ. އެކަންކަން ނިމި، މިވަގުތު އިޓަލީގެ ވަރުގަދަ ނޫކުލަ ފަނޑުވެއްޖެއެވެ. ގަދަ ނޫކުލައިގެ އިޓަލީގެ ކުލަ މަޑުވާން ފެށީ ޔޫރޯ 2020ގެ ކާމިޔާބީއާ ހަމައިންނެވެ. އެ ފަނޑުކަމާއެކު 2014 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގައި ކުޅެފައި ނެތުމުން، އެޓީމު ނެތުމުގެ ފަނޑުކަން މިހާރު ވޯލްޑް ކަޕުންވެސް ނުފެންނަ ކަމަށް ބުނެވިދާނެއެވެ. 2018، 2022 އަދި 2026 ވަނަ އަހަރު ފެއިލްވީ ޕްލޭ އޮފްއިންނެވެ.

އިޓަލީން ހަތަރު ވޯލްޑް ކަޕެއްގެ ޗެމްޕިއަންކަން ހޯދާފައިވެއެވެ. އެގައުމަށްވުރެ ގިނައިން ވޯލްޑް ކަޕް ހޯދި ހަމައެކަނި ގައުމަކީ ބްރެޒިލެވެ. އެކަމަކުވެސް އެ ހާއްސަކަން މިއަދަކު ނެތެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުން އިޓަލީގެ ފުޓުބޯޅައަށް ރިޝްވަތާއި ކޮރަޕްޝަން ވަދެ، ލީގުގެ ހައިބަތު މަޑުމަޑުން ގެއްލުނެވެ. ދުނިޔޭގެ ވަރުގަދަ ކްލަބުތަކުގައި ނުފޫޒުގެ ކިލަނބުކަން އުފެދި، އިޓަލީގެ ފުޓުބޯޅަ ސިސްޓަމް މަޑުމަޑުން އިނދަޖެހެން ފެށުނެވެ. 2010 އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕް ކުޅުނު ނަމަވެސް ގްރޫޕް ސްޓޭޖުން ސަލާމަތް ނުވެވި، ވޯލްޑް ކަޕް ގެއްލުމުގެ ސިލްސިލާ ފެށުނީ 2018 ގައެވެ.

ޔޫރަޕްގެ އެހެން ގައުމުތަކުން ޒުވާން ތަރިން އުފައްދައި، ލީގު ފޯރިގަދަކުރި އިރު، އެތައް ގޮންޖެހުމަކާއެކު އިޓަލީއަށް އެކަން ހާސިލެއް ނުވިއެވެ. ކުރީގެ ފޯމަށް އެނބުރި ދެވޭނެ ގޮތެއްވެސް ނުވިއެވެ. ދޭތެރެޔަކުން ޔޫރޯގެ ކާމިޔާބީ ހޯދި ނަމަވެސް، އެއީ ހިނދުކޮޅަކަށް ލިބުނު ވަގުތީ އުފާވެރިކަމެކެވެ. އެޔަށްފަހު އަދިއަދަށް ދާންދެންވެސް އިޓަލީއަށް ފުޓުބޯޅައިގައި ވެއްޓިފައިވާ އަނދަވަޅުން އަރައި ނުގަނެވި، މިފަހަރުވެސް ނުފެންނާނެއެވެ.

އިޓަލީގެ ވޯލްޑް ކަޕް ކާމިޔާބުކުރި އަހަރުތައް:

  • 1934
  • 1938
  • 1982
  • 2006