އީރާނާއި އޮމާނުން ގުޅިގެން ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އެ މަގުން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރުތަކުން ޓްރާންސިޓް ފީއެއް ނަގަން ނިންމައިފިއެވެ. މި ނިންމުމަކީ ފެބްރުއަރީ މަހުން ފެށިގެން އެ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުބައެއް ބަންދުކޮށްފައި އޮތް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެޅުނު ފިޔަވަޅެކެވެ.
އީރާނުގެ ޕާލަމެންޓުގެ ބަޖެޓް ކޮމިޝަނުގެ މެންބަރު މުހުސިން ޒަންގާނޭއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އާ ނިޒާމުގެ ދަށުން ކޮންމެ ބޯޓަކުން 1.5 މިލިއަނާއި 2 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ފީގެ ގޮތުގައި ނަގާނެއެވެ. މި ފައިސާ ނަގަނީ ނެވިގޭޝަނާއި ސަލާމަތީ ކަންކަމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގެ ހިދުމަތުގެ އަގެއްގެ ގޮތުގައެވެ. ފައިސާގެ އިތުރުން މުދަލާއި ކްރިޕްޓޯކަރަންސީ މެދުވެރިކޮށްވެސް ފީ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ރަޝިޔާގައި ހުންނަވާ އީރާނުގެ ސަފީރު ކާޒިމް ޖަލާލީ ވިދާޅުވި ގޮތުގައި، ކަނޑުއޮޅި ހުޅުވާލާނީ އީރާނާއި އޮމާނުން ގުޅިގެން ކަނޑައަޅާ އާ ޝަރުތުތަކަކާ އެކުގައެވެ. އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ މިއީ ޓޯލް ފީއެއް ނޫން ކަމަށާއި، މިއީ ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ އަގެއް ކަމަށެވެ. އޮމާނުގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ނިޒާމު ކުރިއަށް ގެންދަންވާނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މަގު ކަމަށްވާއިރު، މި ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް 13 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނުނެރެވި މަޑުޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންޓަނޭޝަނަލް އެނާޖީ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.
މި އާ ނިޒާމާމެދު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ މިފަދަ ފީއެއް ނެގުމުގައި ބައިވެރި ނުވުމަށް އޮމާނަށް އިންޒާރުދެއްވާފައެވެ. ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ފީގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިނަށް އިތުރު ބުރައެއް އުފުލަން ޖެހޭނެއެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި