އިންޑިއާގެ މަޝްހޫރު ކަރްނާޓިކް ލަވަކިޔުންތެރިޔާ އެމްއެސް ސުއްބުލަކްޝްމީގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޮޕިކްގެ ލީޑް ރޯލު ކުޅުމަށް މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަާނާ ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކާމިޔާބު ފިލްމު "ޖާޒީ" ޑައިރެކްޓު ކުރި ގޯތަމް ތިންނަނޫރީ ޑައިރެކްޓު ކުރާ މި ފިލްމުގެ ލީޑް ރޯލަށް ރަޝްމިކާ ހަމަޖެއްސުމަށްޓަކައި އޭނާގެ ލުކް ޓެސްޓެއް ދާދި ފަހުން ހަދާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ފިލްމުގެ ލީޑް ރޯލަށް ރަޝްމިކާގެ ނަން އިވުމުގެ ކުރިން، އެހެން ބައެއް ތަރިންގެ ނަންތައް ވެސް ވަނީ މީޑިއާގައި ދެކެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ މި ރޯލަށް ހަމަޖެހުނު ކަމަށް އަޑުފެތުރުނީ ސައި ޕައްލަވީއެވެ. އަދި މި ރޯލަށް ތައްޔާރުވުމުގެ ގޮތުން އޭނާ ކަރްނާޓިކް މިއުޒިކް ދަސްކުރަން ފެށި ކަމަށާއި ސުއްބުލަކްޝްމީގެ ހަޔާތާ ގުޅޭ ވީޑިއޯތައް ބަލައި ދިރާސާކުރަމުންދިޔަ ކަމަށް ވެސް އޭރު ރިޕޯޓުކޮށްފައިވެއެވެ.
އޭގެ ފަހުން ރުކްމިނީ ވަސަންތު ވެސް މި ފިލްމުގެ ލީޑް ރޯލަށް ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް މިހާރު އެންމެ ބޮޑަށް ބެލެވެނީ މި ތާރީހީ ރޯލު ކުޅޭނީ ރަޝްމިކާ ކަމަށެވެ.
ގޯތަމް ތިންނަނޫރީ މި ފިލްމު ޑައިރެކްޓު ކުރާ އިރު، މިއީ އިންޑިއާގެ މިއުޒިކީ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ޝަހުސިއްޔަތުގެ ހަޔާތް ދައްކުވައިދޭނެ ފިލްމެކެވެ. އެމްއެސް ސުއްބުލަކްޝްމީ އަކީ އިންޑިއާގެ އެންމެ މަތީ ޝަރަފު ކަމަށްވާ ބާރަތު ރަތުނާ އެވޯޑު ހާސިލުކުރި ފުރަތަމަ މިއުޒީޝަނެވެ. އަދި އޭނާއަކީ އދ. ގެ އާންމު މަޖިލީހުގައި ވެސް ހުށަހެޅުމެއް ހުށަހަދައިދިން ފުރަތަމަ އިންޑިއާގެ ފަންނާނެވެ. އެހެންކަމުން މި ފިލްމަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ޕްރޮޖެކްޓެކެވެ.
މި ފިލްމުގެ ކާސްޓިންއާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް، ފިލްމު އުފައްދާ ފަރާތުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ރަޝްމިކާގެ ލުކް ޓެސްޓު ނިމިފައިވާ އިރު، ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިވަގުތު ފިލްމީ ދާއިރާގެ ގިނަ ބައެއްގެ އިންތިޒާރަކީ ފިލްމުގެ ލީޑް ރޯލާ ގުޅޭގޮތުން އުފައްދާ ފަރާތުން ނެރޭނެ ރަސްމީ ބަޔާނަކަށެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް