އޮމާންގެ އައްސޭރިފަށާ ކައިރިން، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއްގައި ގޮވުމެއް ގޮވައި، އިންޑިއާގެ 24 ފަޅުވެރިންނާ އެކު އެމަޖެންސީ އެހީއަށް އެދިއްޖެއެވެ.

ޕަލާއު ދިދަ ނަގާފައިވާ މި ބޯޓުގެ އިންޖީނުގޭގައި ގޮވި ގޮވުމާއެކު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު، މިއީ ޑްރޯން ނުވަތަ މިސައިލް ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.

މި ހާދިސާގެ ފުރަތަމަ އެލާޓް ރިޕޯޓުކޮށްފައި ވަނީ “ބީއެންސީ ނައު” އިންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، އޮމާންގެ އައްސޭރިފަށާ 15 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ މި ބޯޓަށް ދިން ހަމަލާގެ ސަބަބުން އިންޖީނުގޭގެ ބޮޑު ބައެއް ހަލާކުވެ، ބޯޓަށް ދިޔަވާން ފެށިއެވެ. އަދި އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރެމުންދިޔުމުގެ ސަބަބުން ލައިފްބޯޓުތައް ތިރިކުރުމަށް ވެސް ފަޅުވެރިންނަށް ހުރަސް އެޅުނު ކަމަށް، ލީކުވެފައިވާ އޯޑިއޯ މެސެޖުތަކުން ހާމަވެފައިވެއެވެ.

ބޯޓުގައި ތިބި އިންޑިއާގެ 24 ފަޅުވެރިން ވަރަށް ނުރައްކާތެރި ހާލަތެއްގައި ތިބުމަށްފަހު، މިހާރު އެ އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ބޯޓަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ ތެލާއި މުދާ އުފުލުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމަށްވާ ހޮރުމުޒް ކަނޑުއޮޅީގައި ހިނގި މި ހާދިސާގެ ސަބަބުން، އެ ސަރަހައްދުގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ވިޔަފާރި ބޯޓުފަހަރަށް އަމާޒުކޮށް ދެމުންދާ މިފަދަ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށާއި ސަރަހައްދީ ސަލާމަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް މާހިރުން ފާހަގަކުރެއެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.