ޅ. ހިންނަވަރުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފިއެވެ.

އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 39 އަހަރުގެ މުހައްމަދު އަންދާޒް އަހްމަދެވެ.

ފުލުހުންނާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި، އަންދާޒް ހައްޔަރުކޮށްފައި ވަނީ ހިންނަވަރު އޭޓީއެމް ހުންނަ ބަނދަރު ސަރަހައްދުންނެވެ. އަދި އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު، އޭނާގެ އަތުން 189.5 ގްރާމުގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

ކޯޓު ރެކޯޑުތަކުން ދައްކާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެކެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.