ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ހޮޓެލް ޗެއިން، ޖޭޑަބްލިއު މެރިއޮޓްގެ ފުރަތަމަ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އައިޝްވާރިޔާ ރާއީ ބައްޗަން ހަމަޖައްސައިފިއެވެ.
މެރިއޮޓް އިންޓަނޭޝަނަލްއިން މިކަން އިއުލާނުކޮށްފައި ވަނީ މި ހަފުތާގެ ތެރޭގައެވެ.
މި ޕާޓްނާޝިޕްގެ ދަށުން، ޖޭޑަބްލިއު މެރިއޮޓްގެ "ސްޓޭ އިން ދަ މޯމަންޓް" ކެމްޕެއިން ޕްރޮމޯޓު ކުރުމުގައި އައިޝްވާރިޔާ އިސް ދައުރެއް އަދާކުރާނެއެވެ. މި ކެމްޕެއިނަކީ ދަތުރުވެރިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ހިތްހަމަޖެހުމާއި އަދި ދަތުރުމަތީގައި ލިބޭ ތަޖުރިބާތަކަށް ސަމާލުކަން ދިނުމަށް ބާރުއަޅާ ހަރަކާތެކެވެ.
މީގެ އިތުރުން، ފިލްމާއި ޕްރިންޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ މާކެޓިން ކެމްޕެއިންތަކުގައި އޭނާ ފެނިގެންދާނެއެވެ. އަދި އިންޑިއާ އާއި ދުނިޔޭގެ އެހެނިހެން ބައެއް މާކެޓުތަކުގައި ބާއްވާ ބްރޭންޑް އިވެންޓުތަކުގައިވެސް އައިޝްވާރިޔާ ބައިވެރިވާނެއެވެ.
ޖޭޑަބްލިއު މެރިއޮޓްގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ބްރޭންޑް ލީޑަރު ބްރޫސް ރޯ ވިދާޅުވި ގޮތުގައި، އައިޝްވާރިޔާގެ ބައިނަލްއަގުވާމީ މަގުބޫލުކަމާއި އޭނާގެ ޝަހުސިއްޔަތަކީ އެ ބްރޭންޑާ ވަރަށް ގުޅޭ ސިފަތަކެކެވެ. އަދި އިންޑިއާގެ ދަތުރުވެރިންގެ މެދުގައި ލަގްޒަރީ ދަތުރުފަތުރުގެ ޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މެރިއޮޓް އިންޓަނޭޝަނަލްއިން ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 130 އަށްވުރެ ގިނަ ޕްރޮޕަޓީ ހިންގަމުން އަންނަ ޖޭޑަބްލިއު މެރިއޮޓްގެ ވިޔަފާރި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް މާކެޓަކީ އިންޑިއާއެވެ. އެހެންކަމުން، އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ފަންނާނު އެމްބެސެޑަރަކަށް ހަމަޖެއްސުމަކީ، އެ ސަރަހައްދުގެ މާކެޓު ހިފެހެއްޓުމަށް ކުންފުނިން ގެންގުޅޭ ސްޓްރެޓީޖިކް ޕްލޭންގެ މުހިންމު ބައެއް ކަމަށް ބެލެވެއެވެ.
އައިޝްވާރިޔާ ބުނި ގޮތުގައި، ދަތުރުފަތުރު ކުރުމަކީ އޭނާގެ ޒާތީ އަދި މަސައްކަތުގެ ހަޔާތުގައިވެސް ވަރަށް މުހިންމު ކަމެކެވެ. އަދި ޖޭޑަބްލިއު މެރިއޮޓްގެ ފަލްސަފާއާ އޭނާގެ ވިސްނުން ގުޅޭކަމަށް ފާހަގަކޮށް، އެ ބްރޭންޑް ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ފަހުރެއް ކަމަށް އޭނާ ބުންޏެވެ.
އައިޝްވާރިޔާ
އައިޝްވާރިޔާ
އައިޝްވާރިޔާ
އައިޝްވާރިޔާ