ކޭ-ޕާކް ރެސިޑެންސް މަޝްރޫއުގެ މައި ކުންފުނި "ހަމްބޯ ލިމިޓެޑް" ވުޖޫދުގައި ނެތްކަމަށް ބުނެ އެޑްވަކަސީ ޗެމްބާސް ލޯ ފާމުން ފަތުރަމުންދާ ވާހަކަތަކީ ދޮގެއްކަމަށް ހަމްބޯ ކުންފުނިން ބުނެފިއެވެ.
ކޭ-ޕާކްގެ އެޕާޓްމެންޓްތަކަށް ފައިސާ ދެއްކި ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ހަރަކާތްތެރިވާ އެޑްވަކަސީ ޗެމްބާސްއިން، ހަމްބޯ ކުންފުނި މިހާރު ވުޖޫދުގައި ނެތްކަމަށް ބުނެ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ބައްދަލުކުރުމަށް ވަނީ އެދިފައެވެ. އަދި ވަނީ ހަމްބޯ ކުންފުނި ހޯދުމަށް އެޗްޑީސީގެ އެހީތެރިކަމަށް އެދިފައެވެ.
ހަމްބޯ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެޑްވަކަސީ ޗެމްބާސްއިން މަސައްކަތް ކުރަނީ ކުންފުންޏަށާއި، އާންމު ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލި ހަސަން މަމްދޫހު (މަންޑޭ) ގެ ހިމާޔަތުގައި ކަމަށެވެ.
ލޯ ފާމުން މަސައްކަތް ކުރަނީ ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ހޯދުމުގެ ބަދަލުގައި، މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފެތުރުމަށްކަމަށް ހަމްބޯ ކުންފުނިން ބުންޏެވެ.
އެޑްވަކަސީ ޗެމްބާސްއިން ތަމްސީލުކުރަނީ ކޮން ބައެއްކަން ސާފުކުރުމަށް 2025 ވަނަ އަހަރު ފޮނުވި ސިޓީއަށްވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް ހަމްބޯއިން ބުންޏެވެ. އަދި އެހެން ގާނޫނީ ވަކީލުންނާއި ލޯ ފާމްތަކުން ސިވިލް ކޯޓުގައި މައްސަލަތައް ކުރިއަށް ގެންދާއިރު، އެ ފަރާތްތަކަށް ދައުވާ ކުރަންޖެހޭ ފަރާތް އޮޅިގެން ނޫޅޭކަމަށްވެސް ހަމްބޯއިން ބުންޏެވެ.
މި މައްސަލާގައި ހަމްބޯ ކުންފުނީގެ ހިއްސާދާރު މަމްދޫހުގެ ގެ މައްޗަށް 104 ދައުވާއެއް ސާބިތުވެ، 390 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭނާއާއެކު އިދާރީ މަސައްކަތުގައި އުޅުނު ޖައިޝާން ސައީދުގެ މައްޗަށްވެސް ވަނީ 159 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މުހައްމަދު އިޝާން
ބޯހިޔާވަހިކަން
ބޯހިޔާވަހިކަން
ބޯހިޔާވަހިކަން
ބޯހިޔާވަހިކަން