ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގާ އެކު މަސައްކަތް ނުކުރުމަށް ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޯޔީސް (އެފްޑަބްލިއުއައިސީއީ) އިން ނިންމި ނިންމުމާ ދެކޮޅަށް އޭނާގެ ފަރާތުން އެ ޖަމިއްޔާއަށް ގާނޫނީ ނޯޓިހެއް ފޮނުވައިފިއެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ ފޮނުވި މި ނޯޓިހަކީ ފަރްހާން އަހްތަރުގެ ފިލްމު 'ޑޮން 3' އިން ރަންވީރު ކުއްލި ގޮތަކަށް ވަކިވުމާ ގުޅިގެން އެފްޑަބްލިއުއައިސީ އިން އެޅި ފިޔަވަޅާ ގުޅިގެން ފޮނުވި ނޯޓިހެކެވެ.
ރަންވީރުގެ ގާނޫނީ ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި، ފިލްމުން ވަކިވުމަކީ އެކްޓަރާއި ޕްރޮޑިއުސަރުންނާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭ މައްސަލައެކެވެ. އެހެންކަމުން، އެފަދަ މައްސަލައެއްގައި ފިޔަވަޅު އެޅުމުގެ އިހުތިސާސް ނުވަތަ ބާރު އެފްޑަބްލިއުއައިސީއީއަށް ލިބިގެން ނުވާ ކަމަށް އެ ނޯޓިހުގައި ބުނެފައިވެއެވެ. ނަމަވެސް، އެފްޑަބްލިއުއައިސީއީން ބުނެފައިވަނީ ރަންވީރު ފިލްމުން ވަކިވުމުގެ ސަބަބުން ޕްރޮޑިއުސަރުންނަށް ޕްރީ-ޕްރޮޑަކްޝަންގެ މަރުހަލާގައި ގާތްގަނޑަކަށް 45 ކްރޯޑު ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ރަންވީރަށް ތިން ފަހަރެއްގެ މަތިން އެންގުމުން ވެސް އިޖާބަދީފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
އެފްޑަބްލިއުއައިސީއީއަކީ އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ 30 ލައްކައަށް ވުރެ ގިނަ މަސައްކަތްތެރީންނާއި 32 ޔޫނިއަނެއް ތަމްސީލުކުރާ ބޮޑު ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ނެރުނު އެންގުމުގެ ދަށުން، އެ ޖަމިއްޔާގެ އެއްވެސް މެންބަރަކު ރަންވީރާ އެކު އެއްވެސް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުން ވަނީ މަނާކޮށްފައެވެ.
މީގެ ސަބަބުން ރަންވީރުގެ ކުރިއަށް ހުރި ފިލްމުތަކާއި އިޝްތިހާރުތަކުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ރަންވީރުގެ ފަރާތުން ފޮނުވި ގާނޫނީ ނޯޓިހާ ގުޅިގެން ކޯޓު މެދުވެރިކޮށް ޖަވާބުދާރީވާން އެ ޖަމިއްޔާއަށް މިހާރު ވަނީ ޖެހިފައެވެ. މި މައްސަލައާ ގުޅިގެން އެފްޑަބްލިއުއައިސީއީން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވެސް ވަނީ ހަމަޖެހިފައެވެ.
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް